ޚަބަރު

ހާލު ސީރިއަސްވި ތުއްތު ކުއްޖެއް ސިފައިންގެ މަތިންދާބޯޓުގައި މާލެއަށް


ހާލުބޮޑުވި ތުއްތު ކުއްޖަކަށް އަވަސް ފަރުވާދިނުމަށް އެމްއެންޑީއެފްގެ ޑޯނިއަރގެ އެހީތެރިކަމާއި އެކު މާލެ ގެެނެސްފިއެވެ. އަލަށް އުފަންވި މި ތުއްތު ކުއްޖާގެ ހާލު ސީރިއަސްވެސް އެ ކުއްޖާއަށް އިތުރުފަރުވާ އަށް އައްޑޫ ސިޓީން މާލެ ގެނައީ ރޭ ފަތިހުއެވެ.

މީ އަވަސް ފަރުވާއަށް ބޭނުންވި ބަލި މީހަކު އެމްއެންޑީއެފްގެ ޑޯނިއަރ މަތިންދާބޯޓުގައި މާލެ ގެނައި ދެވަނަ ފަހަރުއެވެ. މީގެކުރިން މިދިޔަ މަހުގެ 26 ވަނަދުވަހު ވަނީ ހދ ކުޅުދުށްފުށިން ހާލު ބޮޑުވި އުމުރުން 78 އަހަރުގެ މީހަކުވެސް ސިފައިންގެ އެހީތެރިކަމާއި އެކު ވައިގެމަގުން އަބަސް ފަރުވާއަށް މާލެ ގެނެސްދީފައެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެންނަ ޑޯނިއަރ މަތިންދާބޯޓު ރާޢްޖެ ގެނެސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަދުވަހުއެވެ.

މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. ދިވެހި ދިދައާއި ކުލަތައް އަދި އެމްއެންޑީއެފްގެ ނަން ބޭރުގައި ޖަހާފައިވާ މި މަތިންދާބޯޓުގައި ޕައިލެޓުންގެ ގޮތުގައި އެމްއެންޑީއެފްގެ އޮފިސަރުން ޙަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެއެވެ.