ޚަބަރު

މި އަހަރުގެ އެންމެ ބާރުގަދަ ތޫފާން ފިލިޕީންސަށް އަރައިފި


މި އަހަރުގެ އެންމެ ބާރުގަދަ ތޫފާން ފިލިޕީންސަށް އަރައިފިއެވެ.

ޓައިފޫން ގޯނީގެ ނަމުން ނަން ދީފައިވާ އެ ތޫފާން ފިލިޕީންސްގެ ކަޓަޑުއަންސް އައިލޭންޑަށް އަރާފައިވަނީ އެ ޤައުމުގެ ގަޑިން ފަތިހު 4:50ގައެވެ. އެ ތޫފާނުގައި ބޯ ވާރޭއާއެކު ގަޑިއަކު 225 ކިލޯމީޓަރުގެ ބާރުމިނުގައިދިޔައީ ވައިޖެހެމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ގެތައް ހަލާކުވެ ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. މިހާތަނަށް ހަތަރު މީހުން މަރުވެފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ. ތޫފާން އަރާފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކަޓަޑުއަންސް އައިލޭންޑުގައި އޮންނަ ވިރަކް އަވަށާއި މެދުގައެވެ. 70،000 މީހުންގެ އާބާދީއެއް އޮންނަ އަވަށަށް ތޫފާން އެރި ފަހުން ގުޅިފައެއް ނުވެއެވެ.

ފިލިޕީންސްގެ މައި ރަށްކަމުގައިވާ ލުޒޯންއަށް ތޫފާން ފޯރިއިރު ތޫފާނުގެ ބާރުވަނީ ކޮންމެވެސް ވަރަކަށް ކެނޑިފައެވެ. ނަމަވެސް މޫސުމާބެހޭ އިދާރާއިންވަނީ އަދިވެސް އާދަޔާ ޚިލާފަށް ގަދަ ވަޔާއި ބޯވާރޭވެހޭނެކަމަށާއި ފެންބޮޑުވުމާއި ބިންގަނޑު ދަމައިގަތުމުގެ ހާދިޘާތައް ހިންގާފާނެކަމުގެ އިންޒާރު ދީފައެވެ.

ފިލިޕީންސަކީ ބާރުގަދަ ތޫފާންތައް އާންމުކޮށް އަރާ ޤައުމެކެވެ. އަހަރަކު ގާތްގަނޑަކަށް 20 ތޫފާން އެ ޤައުމަށް އަރައެވެ. މިދިޔަ ހަފުތާގައިވެސް މޮލާވް ތޫފާނުގެ ނަމުން ނަންދީފައިވާ ތޫފާނެއް ހަމަ އެ ސަރަޙައްދަށް އަރައި 22 މީހުންވަނީ މަރުވެފައެވެ. ތޫފާންތަކަށް ދުރާލާ ތައްޔާރުވުމަށް ކުރާ މަސައްކަތުގައި ކޯވިޑް-19ގެ ސަބަބުން މި އަހަރުވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ފިލިޕީންސްގައި މިހާތަނަށް 380،739 މީހުންނަށް ބަލިޖެހި 7،221 މީހުންވަނީ މަރުވެފައެވެ.

ތޫފާން ގޯނީ ފިލިޕީންސާއިހަމައަށް ފޯރުމުގެ ކުރިން 347،000 މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އައިސޮލޭޝަން ފޭލިގެ ތަކުގައި ފަރުވާ ދެމުންދިޔަ ކޯވިޑް-19 ޖެހިފައިވާ މީހުންވެސް ހިމެނޭކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ. ތޫފާނުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު މިހާރު ދަނީ އެ ސަރަޙައްދުތަކަށް ފޮނުވަމުންނެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއްކޮށް ބޮޑެތި ޚަރަދުތަކެއް ހިންގާފައިވާތީ ކާރިޘާތައް މެދުވެރިވާ ޙާލަތުގައި ބޭނުންކުރަންހުރި ފައިސާ ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ރަސްމީ ފަރާތަކުން ބުންޏެވެ.

ތޫފާން ގޯނީއަކީ 2013ވަނަ އަހަރު ޕިލިޕީންސަށް އެރި ހައިޔާން ތޫފާނަށްފަހު ފިލިޕީންސަށް އަރައި އެންމެ ބާރުގަދަ ތޫފާނެވެ. 2013ވަނަ އަހަރު އެރި ހައިޔާން ތޫފާނުގައި 6،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.