ޚަބަރު

ޑިމޮކްރެސީއާ ޤާނޫނީ ވެރިކަން ރާއްޖެއިން ދަމަހައްޓާނެ


ޑިމޮކްރެސީ ހަރުދަނާކުރުމާއި
ޤާނޫނީ ވެރިކަން ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެ ފަސް
ޖެހުމެއްނެތި ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފޮރިން ސެކްރެޓަރީ ޑރ
ޢަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން
ވިދާޅުވީ، ރާއްޖޭގެ އިންސާނީ
ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް ބޭއްވި ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުގައި
ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ގޮތެއް ނިންމުމަށް ބޭއްވި ޕްލެނަރީ ސެޝަންގައި ވާހަކަފުޅު
ދައްކަވަމުންނެވެ. މި ސެޝަން ބާއްވާފައިވަނީ މިހާރު ހިނގަމުންދާ އ.ދ.ގެ ހިއުމަން ރައިޓްސް
ކައުންސިލުގެ ތިރީސްވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ޑރ ޢަލީ ނަސީރު ވިދާޅުވީ،
ޑިމޮކްރެސީ ހަރުދަނާކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަކީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން އެންމެ ބޮޑު
އިސްކަމެއް ދޭ ކަންތައްތައްކަމަށެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ
އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ރައީސް ޔާމީންގެ
ސަރުކާރުގެ އެންމެ އިސް ލަނޑުދަނޑިތައްކަމަށެވެ.

ޑރ ޢަލީ ނަސީރު އިތުރަށް ވިދާޅުވީ،
ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށްވުމުގެ ސަބަބުން،
ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި މި
ގޮން ޖެހުންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި
ހިމާޔަތްކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ހިމެނޭކަން އެމަނިކުފާނު
ފާހަގަކުރެއްވިއެވެ. ނަމަވެސް، އ.ދ.ގެ އިންސާނީ ޙައްޤުތަކާއިބެހޭ ކައުންސިލްގައި ރާއްޖެއިން
އަދާކުރަމުންދާ އިސް ދައުރަކީ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި،
ރައްކާތެރިކުރުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ފުރިހަމަ
ހެއްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ އިންސާނީ
ޙައްޤުތައް ހިމާޔަތްކުރުމާއިބެހޭ ޤަރާރަށް ޙުރުމަތްތެރިކޮށް ހިތުމާއި، އެ ޤަރާރު ނެގެހެއްޓުމުގައި ރާއްޖެއިން ފަސް ނުޖެހި ކުރިޔަށްދާނެކަމުގެ
ޔަޤީންކަން އަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު
އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތީން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް،
ނެގެހެއްޓުމަށް ފަސް ޖެހުމެއްނެތި މަސައްކަތް ކުރަމުންދާނެކަމަށްވެސް ޑރ ޢަލީ
ނަސީރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ޑރ ޢަލީ ނަސީރުވަނީ، ރާއްޖޭގެ
ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުއަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާނެކަމުގެ
ޔަޤީންކަން އަރުވާކަމަށްވެސް ވިދާޅުވެފައެވެ. މި ގޮތުން، މިކަމާއިމެދު ޤައުމީ
ފެންވަރުގައި އަދި ޔޫ.ޕީ.އާރް. ކޮމިޓީއާއިއެކު މަޝްވަރާތައް ބާއްވާ، އިންސާނީ
ޙައްޤުތައް ހިމާޔަތްކުރުމުގެ ދާއިރާއިން މަސައްކަތް ކުރަމުންދާނެކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ރާއްޖޭގެ ޔުނިވާރސަލް ޕީރިއޮޑިކް
ރިވިއު ސިޔާސީ ނުކުރުމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް ގުޅިގެން
މަސައްކަތް ކުރުމުގެ މުޙިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ މެއި މަހު ބޭއްވި
ރާއްޖޭގެ ޔޫ.ޕީ.އާރް. ބައްދަލުވުމުގައި 102 ޤައުމަކުން 258 ހުށައެޅުން
ހުށައަޅާފައިވެއެވެ. މީގެ ތެރެއިން 198 ހުށަހެޅުމެއް ދިވެހި ސަރުކާރުންވަނީ
ބަލައިގެންފައިވެއެވެ.