ޚަބަރު

ނިއުޒީލެންޑުގެ އައު ސަރުކާރު އެކުލަވާލާނީ ގުރީން ޕާޓީގެ ބައިވެރިވުމާއިއެކު


ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަރންގެ ލޭބާ ޕާޓީއިން ގުރީން ޕާޓީއާއެކު އިއްތިޙާދެއް ހަދައި ސަރުކާރު އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ.

މި މަހުގެ ކުރީކޮޅުގައި ބޮޑުވަޒީރު އާޑަރންވަނީ އެ ޤައުމުގެ ޢާންމު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ލޭބާ ޕާޓީން ކާމިޔާބުކޮށްފައިވާތީ އެހެން ޕާޓީއަކާއެކު އިއްތިޙާދު ހެދުމެއް ނެތިވެސް އެ ޕާޓީއަށް ސަރުކާރު އެކުލަވާލެވޭނެއެވެ. ނަމަވެސް ނިއު ޒީލެންޑުގައި އާންމުކޮށް ޢަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް ލޭބާ ޕާޓީއިންވެސް ނިންމީ ގުރީން ޕާޓީގެ ބައިވެރިވުމާއެކު ސަރުކާރު އެކުލަވާލުމަށެވެ.

ބޮޑުވަޒީރު އާޑަރން ވިދާޅުވީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގައި އައު ސަރުކާރު އިޢުލާނުކުރައްވާނެކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ ދެ މަޤާމެއް ގުރީން ޕާޓީއަށް ޚާއްސަކުރައްވާނެކަމަށާއި އެ ޕާޓީއަށް އިތުރު މިނިވަންކަން ލިބޭގެ ގޮތަށް އިއްތިޙާދުގެ އެއްބަސްވުން އެކުލަވާލާފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ލޭބާ ޕާޓީއާއި ގުރީން ޕާޓީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރުގައި ހިމެނޭ ގުރީން ޕާޓީގެ ދާއިރާތަކާއިގުޅޭ ކަންކަން ނޫން އެހެން މައްސަލަތަކުގައި ލޭބާ ޕާޓީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ހައްޤު ގުރީން ޕާޓީއަށް ލިބިދެއެވެ. މި ޙާލަތުގެ ޚާއްޞަ ކަމަކީ ދެ ފަރާތުންވެސް ކަންކަމުގައި ޚިޔާލުތަފާތުވެ ދެބަސްވުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް އެއްބަސްވުންކަމަށް ބޮޑުވަޒީރު އާޑަރން ވިދާޅުވިއެވެ. ގުރީން ޕާޓީގެ ލީޑަރެއްކަމަށްވާ މަރާމާ ޑޭވިޑްސަން ވިދާޅުވީ ޕާޓީއަށް ގެއްލުމެއް ނުވާފަދަ އެއްބަސްވުމަކާ ހަމައަށް ލޭބާ ޕާޓީއާއިއެކު އާދެވުމަކީ އެކަމާ ވަރަށް ހިތްހަމަޖެހޭކަމެއްކަމަށެވެ.

އޮކްޓޯބަރު މަހުގެ އާންމު އިންތިޚާބުގެ ކުރިންވެސް ވެރިކަންކުރަމުން ދިޔަ ލޭބާ ޕާޓީގެ ސަރުކާރު އޭރުވެސް އޮތީ ގުރީން ޕާޓީއާއި ނިއު ޒީލެންޑު ފަސްޓާއެކު އިއްތިޙާދު ހަދައިފައެވެ.