ޚަބަރު

ބުރެޒިލުގެ ޞިއްޙަތާއިބެހޭ ވަޒީރަށް ހަސްފަތާލުގައި ފަރުވާދެނީ


ކޯވިޑް-19 ޖެހުމުގެ ސަބަބުން ބުރެޒިލުގެ ޞިއްޙަތާއިބެހޭ ވަޒީރު އެޑުއާޑޯ ޕަޒުއެލޯއަށް އިތުރު ފަރުވާ ދިނުމަށް ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

ބުރެޒިލުގެ ޞިއްޙަތާބެހޭ ވަޒީރަށް ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 21ވަނަ ދުވަހުގައެވެ. ބަލިޖެހުނު ފަހުން ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވުމުގެ ސަބަބުން އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގައި އޭނާވަނީ ބުރެސިލިއާގައި ހުންނަ ހަސްފަތާލެއްގައި އެނދުމަތިކޮށްފައެވެ. އިތުރު އޮކްސިޖަން ދިނުންފަދަ އެއްވެސް ފަރުވާއެއް ޞިއްޙަތާއިބެހޭ ވަޒީރަށް މިހާތަނަށް ދީފައިނުވާކަމަށް ޞިއްޙަތާއިބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ. ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ މިއަދުގެ ވަގުތެއްގައި ހަސްފަތާލުން ވަޒީރު ގެއަށް ދޫކޮށްލާނެކަމަށެވެ.

ޞިއްޙަތާއިބެހޭ ވަޒީރަށް ކޯވިޑް-19 ޖެހުމުގެ އެއް ދުވަސް ފަހުން މާސްކު ތުރުކުރުމެއް ނެތި ޕަޒުއެލޯވަނީ ކުރިން ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ ބުރެޒިލުގެ ރައީސް ޖައިރް ބޮލްސޮނާރޯއާއި ބައްދަލުކުރައްވާފައެވެ. ރައީސް ބޮލްސޮނާރޯ ވިދާޅުވީ ޕަޒުއެލޯއަކީ ކުލޮރިކީން ކިޔާ މެލޭރިއާއަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއް ބޭނުންކުރުމުން ބަލިން އަވަހަށް ފަސޭހަވާކަން ދޭހަކޮށްދޭ ހެއްކެއްކަމަށެވެ. ނަމަވެސް ސައިންސުވެރިންވަނީ އެ ބޭހުގެ ސަބަބުން ކޯވިޑް-19 ފަސޭހަވުމަށް އެއްވެސް ވަރަކަށް އެހީތެރިނުވާކަމަށް ބުނެފައެވެ.