ދުނިޔެ

ފުނޑުފުނޑުވި ދިރިއުޅުމުގެ އެތިކޮޅުތަކުން، ބޮޑުގޮވުން ހަނދާންކޮށްދޭން ރަމްޒެއް


ޙަޔާތު ނާޒިރުގެ ޙަޔާތުގައި ލުބުނާނުގައި ހަމަޖެހުން އޮތް އެއްވެސް އިރެއް އޭނާގެ ހަނދާނަކު ނެތެވެ. އޭނާގެ ޤައުމުގައި އޮތް ހަމަނުޖެހުމާއި ހިތުގައި އުފެދިފައިވާ ހިތާމައާއި މޮޅިވެރިކަމާއި ކުރިމަތިލުމަށް ޙަޔާތު ބޭނުންކުރަނީ އޭނާގެ ހުނަރުކަމުގައިވާ ކުރެމާއި އުފެއްދުންތެރިކަމެވެ.

މުޅި ދުނިޔެއަށް ސިހުން ގެނުވި އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިނގި ބޮޑު ގޮވުން ގޮވި ވަގުތުގައި ޙަޔާތު ދިޔައީ ބައިރޫތަށް ދަތުރުކުރަމުންނެވެ. އެ ނުރައްކާތެރި ހާދިޘާގައި 190މީހުން މަރުވެ 6،000ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މުޅި ބައިރޫތު ބިމާ ހަމަކޮށް، 300،000އަށްވުރެ ގިނަ މީހުންގެ ގެދޮރު އެ ހާދިޘާގައިވަނީ ގެއްލިފައެވެ.

ބޮޑު ގޮވުމުގެ ކުރިންވެސް ސިޔާސީ ހަލަބޮލިކަމާއި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ލުބުނާނުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހަމަ އެ ދުވަސްވަރު ކޯވިޑް-19 ބަލިމަޑުކަމާއި ކުރިމަތިލާންޖެހުމުގެ ސަބަބުން އެ ޤައުމުގެ ޙާލަތުވަނީ އިތުރަށް ބަލިކަށިވެފައެވެ. އެ ހުރިހާ މައްސަލަތަކާއި ގޮންޖެހުންތަކުގެ ސަބަބުން މުޅި ޤައުމު އޭރުވެސް އޮތީ ހުއްޓުމަކަށަ އައިސްފައެވެ.

އުމުރުން 33 އަހަރުގެ ޙަޔާތު ބުނީ ބައިރޫތުގައި ހިނގި ހާދިޘާގެ ސަބަބުން ނާއުންމީދުވެފައިވާ އޭނާގެ ހިތް ކުދިކުދިވިކަމަށެވެ. އެ ހާދިޘާގެ ސަބަބުން ކުރިމަތިވި ހިތާމައާއި ވޭނުގެ ސަބަބުން އޭނާއަށް ބޮޑެތި އަސަރުތަކެއް ކުރިކަމަށް ޙަޔާތު ކިޔައިދިނެވެ. ނަމަވެސް އެ އިހުސާސުތަކަކީ ހަމައެކަނި އޭނާއަށް ކުރެވުނު އިހުސާސުތަކެއް ނޫންކަމަށާއި މުޅި ޤައުމުގެ ހުރިހާ ރައްޔިތުންވެސް ދިޔައީ އެ ވޭންދެނެވި އިހުސާސުތައް ތަހައްމަލުކުރަމުންކަމަށް ޙަޔާތު ބުންޏެވެ.

ބައިރޫތުގެ އެހެން މީހުންނެކޭ އެއްގޮތަށް ޙަޔާތުވެސްވަނީ ބޮޑު ގޮވުމުގެ ހާދިޘާއަށްފަހުގައި ބައިރޫތު އަލުން ސާފުކޮށް އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެފައެވެ. ހާދިޘާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެކި ދިމަދިމާލަށް ބުރައިގެންގޮސްފައިވާ އެކިކަހަލަ ކުނިބުނި ހޮވާ ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އެ ތަކެތި ބޭނުންކޮށްގެން ކޮންމެވެސް އުފެއްދުންތެރި އެއްޗެއް ތައްޔާރުކުރުމުގެ ޚިޔާލު އޭނާއަށް ލިބުނެވެ. އޭނާ ނިންމީ އެ ބައިތައް ބޭނުންކޮށްގެން ހާދިޡާގެ ޒިކުރާ އައުކުރުމަށް ކޮންމެވެސް ކަހަލަ ރަމްޒީ ބިނާއެއް ތައްޔާރުކުރުމަށެވެ. އެ ބިނާއަކީ ޤައުމު އަލުން ކޮޅަށް ޖަހާ ބިނާކުރުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކުރުމަށް ހިތްވަރުދޭ ނިޝާނަކަށް ހެދުމަށް އޭނާ ބޭނުންވިއެވެ.

ޙަޔާތު ބުނީ އޭނާއަށް ބާރު ނުފޯރުވޭފަދަ އުނދަގޫ ޙާލަތްތަކާއި ދިރިއުޅުމުގައި ކުރިމަތިލާންޖެހުމުން އޭނާއަށް ވީވަރަކުން އެ ޙާލަތު ބަދަލުކުރުމަށް އެހީތެރިވެދެވޭތޯ ބަލާކަމަށެވެ. އެފަދަ ޙާލަތްތަކުގައި އޭނާގެ ދިރިއުޅުމުގައި ލާ ލައްގަނޑަށް ފަރުވާދެނީ އެނާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރެވެ.

ބައިރޫތުގެ ބޮޑު ގޮވުމަށްފަހުވެސް އޭނާގެ އުފެއްދުންތެރިކަމުގެ ހުނަރު ބޭނުންކުރުން ވެގެން ދިޔައީ ދިމާވެފައިވާ ޙާލަތު ބަލައިގަނެ ޤައުމުގެ މީހުންނަށް ހިތްވަރުދެވޭނެ މަގެއްކަމުގައެވެ.
އޭނާގެ ބޮލުގައި ކުރަހާލާފައިވާ ކުރެހުން ހަޤީޤަތަކަށް ހެދުމަށް ބޭނުންވާ ސާމާނު ހޯދުމަށް ޙަޔާތު ނިކުތީ ބައިރޫތުގެ ސުންނާފަތިވެފައިވާ މަގުތަކަށެވެ.

އެތައް ހަފުތާއެއް ވަންދެން އޭނާ ދިޔައީ ހަލާކުވެފައިވާ ދަގަނޑާއި ތަޅައިގެން ގޮސްފައިވާ ބިއްލޫރިއާއި އާންމުންނަށް ބޭނުން ނުހިފޭ އެކިކަހަލަ ތަކެތި އެއްކުރަމުންނެވެ. އޭގެ އިތުރުން ޢާންމުންގެ ގޭގެއަށް ޒިޔާރަތްކޮށް، އޭނާ ތައްޔާރުކުރަމުންދާ ސްކަލްޕުޗާގައި ހިމަނަން އެ ފަރާތްތަކުން ބޭނުންވާ އެއްޗެއް ޙިއްޞާކުރުމަށް އޭނާ އެދެމުންދިޔައެވެ. ސަބަބަކީ މި ހަނދާނުގައި ކޮންމެ ރައްޔިތެއްގެވެސް ބައިވެރިވުން ބޭއްވުމެެވެ. އޭނާގެ އެ އެދުމަށް ރައްޔިތުން ކީ ހޫނު މަރުހަބާއިން އޭނާއަށް ހައިރާންކަން ލިބުނެވެ.

މީހުންގެ އަތުގައި ހުރި އަގުހުރި އެތައް އެއްޗެއް ސްކަލްޕުޗާގައި ހިމެނުމަށް އެމީހުން ދިޔައީ ދެމުންނެވެ. ޅަފަތުގައި ގެންގުޅުނު ތަކެތިން ފެށިގެން ކާބަފައިން ބޭނުންކޮށްފައިވާ ތަކެއްޗާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޢާއިލާތަކުން ރައްކާކޮށްފައިވާ އެތައް އެއްޗެއް ސްކަލްޕުޗާގައި ހިމެނުމަށް ޢާންމުން ދެމުންދިޔަކަމަށް ޙަޔާތު ބުންޏެވެ. ޢާންމުންގެ މީހުންވެސް ބޭނުންވީ ޙަޔާތުގެ އުފެއްދުމަށް އެމީހުންގެ އިޙުސާސުތައް ބަނޑުންކޮށްލައިށެވެ.

ބޭނުންވާ ވަރަށް ސާމާނު އެއްވުމުން ޙަޔާތު އޭނާގެ މަސައްކަތް ފެށިއެވެ. ލުބުނާނުގެ ދިދައެއް ހިފަހައްޓައިގެންހުރި އަންހެނެއް ސިފަވާހެން އޭނާގެ އުފެއްދުން ތައްޔާރުކުރިއެވެ. ޤައުމުގެ ދިދައިގެ އިތުރުން އެ ސްކަލްޕުޗާއިން ސިފަވާ އަންހެން މީހާގެ އިސްތަށިގަނޑާއި ހެދުންވެސް ވައިގެ ތެރޭގައި ވިހުރޭ ފަދައެވެ. އެ ބުދު ކައިރީގައި ބޮޑު ގޮވުން ހިންގި ގަޑިކަމުގައިވާ 6:08 ދައްކުވައިދޭ ހަލާކުވެފައިވާ ގަޑިއެއްވެސް ޙަޔާތުވަނީ ހިމަނާފައެވެ.

ޙަޔާތު ހެދި ސްކަލްޕުޗާއަށް އަދިވެސް ނަމެއް ދީފައެއް ނުވެއެވެ. މި ފަހަރު ޙަޔާތު ހެދި އުފެއްދުމަކީ އޭނާއަށް ލިބުނު ހިތާމައަކުން ސަލާމަތްވުމަށް އޭނާ ކުރި މަސައްކަތެކެވެ. ނަމަވެސް މީގެ ކުރިންވެސް ޙަޔާތުވަނީ ލުބުނާނަށް ދިމާވެފައިވާ އިޖުތިމާޢީ އަދި ސިޔާސީ މައްސަލަތަކާއި ގުޅޭ އާޓުވެސް ހަދައިފައެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ހިންގި ބޮޑުގޮވުމުގެ މަސްތަކެއް ކުރިން މުއާސަލާތީ ދާއިރާގައި ޙަޔާތު ޢަދާކުރަމުންދިޔަ ވަޒީފާ އޭނާވަނީ ދޫކޮށްލައިފައެވެ. ޙަޔާތު ބުނީ އޭނާގެ ވަޒީފާ ދޫކޮށްލީ އޭނާގެ އާޓާއި އުފެއްދުންތެރިކަމަށް އިތުރު ވަގުތުދީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށް މީހުންނަށް ހިތްވަރު ލިބޭފަދަ އެއްޗެއް ތައްޔާރުކުރުމުގެ ބޭނުމުގައިކަމަށެވެ. އެ ދުވަސްކޮޅު އޭނާ ބޭނުންވީ ފެންކުލައިން ކުރަހަންކަމަށާއި ވަގުތު ހުސްކޮށްގެން އެކަން ކުރުމަށް ހިތް ބުނަމުންދިޔަކަމަށް ޙަޔާތު ކިޔައިދިނެވެ. އާޓުގެ ފަންނަށް ސަމާލުކަން ނުދީ ވަޒީފާގައި ހުރެގެން އޭނާ ދެކެން ބޭނުންވާ ބަދަލުތައް ނުގެނެވޭނެކަމަށް ޤަބޫލުކުރެވުނުކަމަށް އޭނާ ބުންޏެވެ.

ޙަޔާތު ތައްޔާރުކުރާ އެހެން ތަކެތީގެ ތެރޭގައި ބޭކާރު ސާމާނުންހަދާ ސްކަލްޕުޗާތަކާއި ފާރުތަކުގައި ކުރަހާ ކުރެހުންތަކާއި ކެންވަހުގައި ކުރަހާލާ މަންޒަރުތައްވެސް ހިމެނެއެވެ. 2019ވަނަ އަހަރުގައިވެސް އޭނާވަނީ 'ދަ ފީނިކްސް'ގެ ނަމުން ނަންދީފައިވާ ސްކަލްޕްޗާއެއް ތައްޔާރުކޮށްފައެވެ. އެ ބިނާ ހެދުމަށް ޙަޔާތު ބޭނުންކޮށްފައިވަނީ ލުބުނާނުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ ޢާންމުންކުރި މުޒާހަރާތަކުގައި ބޭނުންކުރި ޓެންޓުތައް އެމީހުންނާ ދެކޮޅަށް ނުކުތް މީހުން ހަލާކުކޮށްލުމުން އެ ޓެންޓުގެ ބައިތަކެވެ.

އޭނާ ތައްޔާރުކުރި ސްކަލްޕްޗާއިން ރަމްޒުކޮށްދެނީ ޚިޔާލީ ޖަނަވާރެއްކަމަށްވާ ފީނިކްސްއެއް އަލުން އުފަންވާ ގޮތެވެ. މުޒާހަރާތަކުގެ ބައިވެރިން އުކާފައިވާ ގައުކޮޅޮ ކޮޅާއި އެމީހުންނާ ދެކޮޅަށް ބޭނުންކޮށްފައިވާ ކަރުނަ ގޭސް ފުޅިތައް ބޭނުންކޮށްގެން އޭނާވަނީ ބޮޑު ހިތެއްވެސް ހަދާފައެވެ.

"ބޮޑު ގޮވުމަކަށްފަހު ދިރިއުޅޭ ގެތަކާއި އިމާރާތްތައް އަލުން ހަދައި މަރާމާތުކުރެވިދާނެ. އެކަމަކު އެފަދަ ހާދިޘާއަކަށްފަހު އަނބުރާ ނުގެނެވޭނެ އެއްޗަކީ ގެއްލިފައިވާ ހަނދާންތައް. ލުބުނާނަށް ލިބިފައިވާ ގެއްލުންތައް ޢާންމުންނަށް ހަންދާންކޮށްދޭފަދަ އެއްވެސް އެއްޗެއް ސަރުކާރުން ބަހައްޓަން ބޭނުންނުވާކަމަށް ތާރީޚުންވެސް ހެކިދޭ. އަހަރެންގެ މި މަޝްރޫޢު އެހާ ޚާއްޞަވަނީ އެ ސަބަބަށްޓަކައި. އަހަރެމެން މި ކުރަނީ ހަނގުރާމަ. އަހަރެމެންގެ އަޑު މި އުފުލަނީ އާޓު ބޭނުންކޮށްގެން. އަހަރެމެން މިދަނީ އަހަރެމެންގެ ވާހަކަ ކިޔައިދެމުން". ޙަޔާތު ބުންޏެވެ.

އިންސްޓަގުރާމް މެދުވެރިކޮށް އޭނާގެ މަސައްކަތް މުޅި ދިނުޔެއަށް ޙިއްޞާކުރަމުންދާ ޙަޔާތު ބުނީ އޭނާ ކޮށްފައިވާ ގިނަ މަސައްކަތްތައް ރަސްމީ ފަރާތްތަކުން ނައްތާލާފައިވާކަމަށެވެ. ސަރުކާރާ ދެކޮޅަށް ފާޑުކިޔުމަކީ ގިނަ ފަހަރަށް ސަރުކާރަށް ބަލައިގަނެވޭކަމެއް ނޫނެވެ. އޭނާގެ އެންމެ ފަހުގެ އުފެއްދުމަށްވެސް އެފަދަ ހިތި ނިނުމެއް އަތުވެދާނެތީ ޙަޔާތު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.