ދުނިޔެ

އެއްދުވަސް ތެރޭ އެމެރިކާއިން ކޯވިޑް ޖެހުނު އަދަދު ލައްކައަކަށް


އެމެރިކާގައި އެއްދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ފުރަތަމަ ފަހަރަށް 100،000އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ މަތިވި މިންވަރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި ޖުމްލަ 100،233 މީހުންނަށް ބަލިޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޤައުމުގައި 97،894 މީހުންނަށްވަނީ އެއްދުވަސް ތެރޭގައި ބަލިޖެހިފައެވެ.

ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އެމެރިކާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ފަސް ފަހަރެއްގެ މަތިން ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހުގައި 91،000 މީހުންނަށް ބަލިޖެހިފައިވާއިރު ފާއިތުވި ދެ ދުވަހުގެ ޢަދަދުތަކުން އެ ޤައުމުގައި ކޮންމެ ސިކުންތަކުން ބަލިޖެހޭ މީހުންގެ ޢަދަދު އެކަކަށްވުރެ އިތުރުވެފައިވާކަން ދޭހަކޮށްދެއެވެ.

މިހާތަނަށް ނުވަ މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އެމެރިކާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 100،000އަށް އިތުރުވެފައި މިވަނީ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ފެށުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. އާބާދީގެ ތިނެއް އިންސައްތަ މީހުންނަށް ބަލި ޖެހި އެ ބައްޔެއްގެ ސަބަބުން 230،000އަށްވުރެ ގިނަ މީހުން އެމެރިކާގައި މަރުވެފައިވާއިރު ކެމްޕެއިނުގެ ފަހު ދުވަސްތަކަށްވަނީ ކަންބޮޑުވާ މިންވަރަށް ޢަދަދުތައް އިތުރުވުމުގެ ސަބަބުން ހިޔަނި އެޅިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ 16 ސްޓޭޓެއްގައިވަނީ ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައެވެ. އިތުރު 13 ސްޓޭޓެއްގައި ހަސްފަތާލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސްވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. މި މަހުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް ބަލިޖެހިފައިވާ މީހުން ނިސްބަތްވާ ސްޓޭޓުތަކުގެ ތެރޭގައި އިންތިޚާބަށް ވަރަށް މުހިންމު ފަސް ސްޓޭޓުކަމުގައިވާ އޯހައިއޯއާއި މިޝިގަންއާއި ނޯތު ކެރިލައިނާގެ އިތުރުން ޕެންސިލްވޭނިއާއާއި ވިސްކޮންސިން ހިމެނެއެވެ.

ރޮއިޓާސުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގެ ކޮންމެ 10،000 ރައްޔިތުންގެ ތެރެއިން 272 މީހުންނަށް ކޯވިޑް-19 ޖެހި ހަތް މީހުންވަނީ މަރުވެފައެވެ. ވިލާތުގެ ކޮންމެ 10،000 މީހުންގެ ތެރެއިން ބަލިޖެހިފައިވަނީ 127 މީހުންނަށެވެ. އަދި މަރުވެފައިވަނީ ހަތަރު މީހުންނެވެ.