ދުނިޔެ

ގްރީސްގެ ކެފޭތަކާއި ރެސްޓޯރަންޓުތައް އެއްމަސް ދުވަހަށް ބަންދު


ކޯވިޑް-19އާ ދެކޮޅަށް ގްރީސްގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ގްރީސްގައި މިހާތަނަށް 35،510 މީހުންނަށް ކޯވިޑް-19 ޖެހި 615 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ ޙާލަތު ވިލާތުގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރަނގަޅު ނަމަވެސް މި މަހުގެ ކުރީކޮޅުން ފެށިގެން އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،211 މީހުންނަށް ބަލިޖެހި 12 މީހުންވަނީ މަރުވެފައެވެ.

ގްރީސްގެ ސަރުކާރުންވަނީ އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ އުސޫލުތައް އިތުރަށް ހަރުކަށިކޮށް އެ ޤައުމުގެ އެންމެ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ކެފޭތަކާއި ރެސްޓޯރަންޓުތައް އެއްމަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައެވެ.

ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޮސާކިސް ޤައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ގުރީސްގެ އުތުރުގެ ސަރަޙައްދުތަކާއި އަޓިކާ ސަރަޙައްދުގެ ރެސްޓޯރަންޓުތަކާއި ސިނަމާތަކާއި ޖިމްތަކާއި މައުރަޒުތައް ބަންދުކުރަން ނިންމާފައުވާކަމަށެވެ. އެ ދެ ސަރަޙައްދުގެ އާބާދީ 5.4 މިލިއަނަށްވުރެ އިތުރެވެ.

މިވަގުތު ހަމައެކަނި ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ހިންގަމުންދާ ކާފިއުގެ އުސޫލުތަކަށް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން މުޅި ޤައުމުން ޢަމަލުކުރަންޖެހޭނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެގޮތުން ދަންވަރު 12އިން ފެށިގެން ފަތިހު ފަހަކާއި ދޭތެރޭގެ ވަގުތުތަކުގައި ބޭރުގައި އުޅުން ޤައުމުގެ ހުރިހާ ސަރަޙައްދެއްގައިވެސް ދެން މަނާވާނެއެވެ. ނަމަވެސް ފިހާރަތަކާއި މަދަރުސާތަކާއި ސާވިސް އިންޑަސްޓްރީތައް ބަންދުކުރުމަށް ނިންމާފައެއް ނުވެއެވެ.

ބޮޑުވަޒީރު ވިދާޅުވީ އައު އުސޫލުތައް ޤާއިމްކޮށްފައިވަނީ ބަލިފެތުރޭ ދެ ޒަރިއްޔާކަމުގައިވާ މުނިފޫހިފިލުވުމުގެ ޙާރަކާތްތަކާއި އެއްތަނުން އަނެއްތަނަށް މީހުން ދަތުރުކުރުމުގެ ސަބަބުން ބަލިފެތުރޭ މިންވަރު މަދުކުރުމަށްކަމުގައެވެ.