މުނިފޫހިފިލުވުން

ރާއްޖެއަށް ފޮނުވާދިނުމަށް އެދުނު މީހަކަށް ސޯނޫގެ އާދަޔާއި ހިލާފު ޖަވާބު


ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި އެކަކީ ބޮލީވުޑް މަޝްހޫރު ތަރި ސޯނޫ ސޫދްއެވެ. ސަބަބަކީ ކޯވިޑްގެ ލޮކްޑައުންގައި ހާލުގައި ޖެހުނު އެތައް މަސައްކަތްތެރިން އެމީހުންގެ އަވަށްތަކަށް ފޮނުވުމަށް ސޯނޫ ދިން އެހީތެރިކަމުގެ ސަބަބުންނެވެ.

ސޯނޫ ފާހަގަވާ އަނެއްކަމަކީ އެނާއަށް މީހުން ކުރާ ޓްވީޓްތަކަށް ދޭ ޖަވާބުތަކުންނެވެ. އަނެއްކާވެސް މިފަދަ ޓްވީޓަކަށް ދިން ޖަވާބަކުން އެތައް ބަޔަކަށް މިވަނީ މަޖާވެފައެވެ.

ސޯނޫގެ ޓްވީޓްތަކުން އިއްޔެ އަަޅައިގެން އެއް ޓްވީޓަކީ މީހަކު އެނާއަށް ކުރި ޓްވީޓަކަށް ދިން ޖަވާބެވެ. ސޯނޫއަށް މީހަކު ކުރި ޓްވީޓްގައި އެމީހާ އެދިފައިވަނީ ރާއްޖެ އަށް ފޮނުވާ ދިނުމަށެވެ. މި ޓްވީޓަށް ސޯނޫ ދިން ޖަވާބުން ގިނަ ބަޔަކަށް އެކަން މަޖާވެ އެކިކަންކަމުގައި ވަނީ އެދިފައެވެ.

ނުދަންނަ މީހަކު ރާއްޖެ ފޮނުވައިދިނުމަށް އެދި ކުރި ޓްވީޓަށް ޖަވާބުދެމުން ސޯނޫ ކުރީ ސުވާލަކެވެ. ރާއްޖެއަށް ދާން ބޭނުންވަނީ ސައިކަލްގައި ތޯ ނޫނީ އޮޓޯގަތޯއެވެ. މި ޖަވާބާއި އެކު އެކު މީހުންވަނީ އެކިކަންކަމަށް އެދިފައެވެ. އެކަކު ވަނީ ހަނދަށް ފޮނުވާދިނުމަށްވެސް އެދިފައެވެ. އަނެކަކު ގޯއާއަށް ގެންގޮސްދޭން އެދުނެވެ. އަދި އިތުރި މީހަކުވަނީ އޭނާ ކެލިފޯނިއާއަށް ފޮނުވާދިނުމަށް އެދިފައެވެ.

ކޯވިޑް ބަލިމަޑުކަމުގެތެރޭގައި ސޯނޫ އިންސާނިއްޔަތަށް ކުރި މަސައްކަތް ފާހަގަކޮށް އދ ގެ ޔޫއެންޑީޕީން ވަނީ އެނާއަށް ސަސްޓައިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) "ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް" ދީފައެވެ. މި އެވޯޑް ސޯނޫއާއި ހަވާލުކޮށްފައިވަނީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޔޫއެންޑީޕީން ސޯނޫއަށް މި ޝަރަފު ދީފައިވަނީ ކޯވިޑްގެ ލޮކްޑާއުންގައި އިންޑިއާގެ އެކި ހިސާބުތަކުގައި ތާށިވި ފަގީރު މަސައްކަތްތެރިން އަނބުރާ އެމީހުންގެ އަވަށަށް ފޮނުވާދިނުމަށް ވެދިން އެހީތަކުގެ ސަބަބުންނެވެ. ސޯނޫ ވަނީ އޭނާގެ އަމިއްލަ ހަރަދުގައި ރޭލާއި ބަސްދަތުރުތައް ހަމަޖައްސާދީފައެވެ. އަދި އެނބުރި ޤައުމަށް ނާދެވިފައިތިބި އެތައް ދަރިވަރުންނަށް ޗާޓަރު ފްލައިޓްތައްވެސް ސޯނޫ ހަމަޖައްސާދީފައިވެއެވެ.

ސޯނޫވަނީ ކޯވިޑްގައި އެކި ގޮތްގޮތުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި އަސާސީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދީފައެވެ. އަދި ކިޔަވަން ދަތިވި ބައެއް ދަރިވަރުންނަށް ކިޔެވުމުގެ ބޭނުންވާ ފީތައްވެސް ސޯނޫ ވަނީ ހަމަޖައްސާދީފައެވެ.