ޚަބަރު

ޓެންޒޭނިއާގެ ރައީސަކަށް އަނެއްކާވެސް ރައީސް މަގުފުލީ


ޓެންޒޭނިއާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ރައީސް ޖޯން މަގުފުލީ އަނެއްކާވެސް ހޮވިވަޑައިގެންފިއެވެ. ރައީސް މަގުފުލީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ގިނަ ޢަދަދެއްގެ ވޯޓާއެކުގައެވެ.

އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ބޭއްވި ޓެންޒޭނިއާގެ ރިޔާސީ އިންތިޚާބުގައި ރައީސް މަގުފުލީއަށްވަނީ 12.5 މިލިއަން ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ 84 އިންސައްތައެވެ. އޭނާއާއި ދެކޮޅަށް ވާދަކުރެއްވި އިދިކޮޅު ޝަޑެމާ ޕާޓީގެ ތުންޑޫ ލިއްސޫއަށް ލިބިވަޑައިގަތީ 1.9 މިލިއަން ވޯޓުކަމަށް ޓެންޒޭނިއާގެ އިންތިޚާބާއިބެހޭ ކޮމިޝަނުން ބުންޏެވެ.

ފަސް އަހަރުގެ ދެވަނަ ދަޢުރަކަށް ކުރިމަތިލައްވަމުން ރައީސް މަގުފުލީވަނީ ހީނަރުވެފައިވާ ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރައްވާ ވެރިކަމުގެ ފުރަތަމަ ދަޢުރުގައި ފައްޓަވާފައިވާ އުމްރާނީ މަޝްރޫޢުތައް ނިންމަވާނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ހައިޑްރޯޕަވަރު ޑެމް އެއް ހެދުމަށާއި ރޭލު ލައިނެއް އެޅުމާއި ޤައުމީ އެއާލައިނަށް މަތިންދާބޯޓު ހޯއްދެވުން ހިމެނެއެވެ.

ވޯޓު އޮޅުވާލުމާއި ބިރުދައްކައިގެން ވޯޓު ހޯދާކަމުގެ ތުހުމަތުތައް ޓެންޒޭނިއާގެ ސަރުކާރަށްވަނީ ރައްދުވެފައެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ލިއްސޫވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ޓެންޒޭނިއާގެ އިންތިޚާބާއިބެހޭ ކޮމިޝަނުން ވޯޓުގައި އޮޅުވާލުންތަކެއް ހުރެދާނެކަމަށް ކުރާ ތުހުމަތުތަކަށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަނުންވަނީ އިންތިޚާބުގައި އަސްލުނޫން ވޯޓު ކަރުދާސް ބޭނުންކުރާކަމަށް ރައްދުވާ ތުހުމަތުތައް ދޮގުކޮށްފައެވެ.