ޚަބަރު

ވިލާތުގެ އިއްތިޙާދުން ބޭނުންވަނީ އަވަސް ގޮތަކަށް ޑަބްލިއުއެޗުއޯ އިސްލާހުކުރަން


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއަށް ވީހާވެސް އަވަހަށް އިސްލާހީ ބަދަލުތައް ގެންނަންޖެހޭކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. ވިލާތުގެ އިއްތިޙާދުން އެހެން ބުނީ ޑަބްލިއުއެޗުއޯއަށް ގެންނަން ބޭނުންވާ އިސްލާޙީ ބަދަލުތަކާބެހޭ ކަރުދާހެއް ފާސްކުރުމަށް އެ އިއްތިޙާދުގެ ޞިއްޙަތާބެހޭ ވަޒީރުންގެ މެދުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މިއީ ޑަބްލިއުއެޗުއޯއަށް ވިލާތުގެ އިއްތިޙާދުގެ ފަރާތުން ގެނައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ބަލިމަޑުކަން ފެތުރުން ހުއްޓުވުމުގައި ޑަބްލިއުއެޗުއޯއަށް އިތުރު ބާރުތައް ލިބެންވާނެކަމަށް އެ ކަރުދާހުގައިވަނީ ފާހަގަކޮށްފައެވެ. ބަލިމަޑުކަމެއްގެ ތެރޭގައި މެންބަރު ޤައުމަކަށް ގޯހެއް ހެދިފައިވާނަމަ އެކަމެއް ހާމަކުރުމުގެ މުހިންމުކަންވެސް ކަރުދާހުގައިވަނީ ފާހަގަކޮށްފައެވެ. މެންބަރު ޤައުމުތަކުން މަޢުލޫމާތު ޙިއްސާ ކުރޭތޯ ނުވަތަ ނޫންތޯ އަވަހަށް ހާމަކުރުމަށްވެސް ވިލާތުގެ އިއްތިޙާދުންވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ހައި ރިސްކު ސަރަޙައްދުތައް ބަލައި އެތަންތަނުގައި ދިރާސާތައް ކުރުމުގެ ފުރުޞަތު މެންބަރު ޤައުމުތަކުން ދޭންވާނެކަމަށްވަނީ ހުށަހަޅާފައެވެ. ކަރުދާހުގައި އެގޮތަށް ހުށަހަޅާފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާބެހޭ މަޢުލޫމާތު ޗައިނާއާއި އަދި ބައެއް އެހެން ޤައުމުތަކުން އެންމެ އެދެވޭގޮތަށް ޙިއްޞާކޮށްފައިނުވާކަމުގެ ތުހުމަތުތައް އެ ޤައުމުތަކަށް ރައްދުކޮށްފައިވަނިކޮށެވެ.

ޖަރުމަނުވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ޔެންސް ސްޕާން ވިދާޅުޗީ ދުނިޔެ ކުރިމަތިލަމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންދާކަމަށެވެ. ނަމަވެސް ބައްޔާ ދެކޮޅަށް މަސައްކަތްކުރުމާއި އެކުއެކީގައި ޑަބްލިއުއެޗުއޯއަށް އިސްލާހީ ބަދަލުތައް ގެނައުމާގުޅޭގޮތުން މަޝްވަރާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އިސްލާހީ ބަދަލު ގެނައުމުގެ މަރުހަލާ ފެށެންވާނީ ކިހާ ހިސާބަކުންކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ހެޔޮ ބަދަލުތައް ގެނައުމުން ބޮޑެތި ޞިއްޙީ ކާރިޘާތައް ކުރިމަތިވުމުން އެކަމަށް އަވަސް އިޖާބައެއްދިނުމަށް ޑަބްލިއުއެޗުއޯއަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުއްލި ޙާލަތްތަކުގައި މެންބަރު ޤައުމުތަކުން މަޢުލޫމާތު ޙިއްޞާކުރާ މިންވަރު އިތުރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިޙާދުގެ ޞިއްޙަތާއިބެހޭ ކޮމިޝަނަރު ސްޓެލާ ކައިރިއަކައިޑްސްވެސްވަނީ ހަމަ އެ މޭރުމުން ވާހަކަ ދައްކަވާ ދެފުށް ފެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާހީ ބަދަލުތަކައިގެން ކުރިއަށް ދިޔުމުގެ މުހިންމުކަންވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެޗުއޯއިން ބުނީ ވިލާތުގެ އިއްތިޙާދުގެ އިސްނެގުމުގެ މަތިން ޑަބްލިއުއެޗުއޯއަށް ހެޔޮ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަމަށެވެ. އަދި ޑަބްލިއުއެޗުއޯއަށް ވިލާތުގެ އިއްތިޙާދުގެ ފަރާތުން އަބަދުވެސް ލިބެމުންދާ ހިތްވަރަށް އެ ޖަމުޢިއްޔާއިން ޝުކުރު ޢަދާކުރިއެވެ. ނަމަވެސް އެ އިއްތިޙާދުން ހުށަހަޅާފައިވާ ކަރުދާހާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑަބްލިއުއެޗުއޯގެ ބައްދަލުވުމެއްގައި ވިލާތުގެ އިއްތިޙާދުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކަރުދާސް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.