ވިޔަފާރި

ވިޒިޓް މޯލްޑިވްސްއިން "ސްކައިސްކޭނާ"އާއެކު ކެމްޕެއިނެއް ފަށައިފި


ދިވެހިރާއްޖެއަކީ ރައްކާތެރި އަދި މަގުބޫލު ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން "ސްކައިސްކޭނާ" އާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

"ސްކައިސްކޭނާ" އާއެކު ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ވެސް އަދި މިހާރު ވެސް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ތިން މާކެޓް ކަމަށްވާ ރަޝިއާ، އިނގިރޭސިވިލާތް އަދި އިޓަލީއަށެވެ.

މި ކެމްޕެއިންގެ މަގުސަދަކީ ޗުއްޓީ ހޭދަކުރުމަށް އާ މަންޒިލެއް ހޯދަމުން އަންނަ ފަރާތްތަކާއި ދިވެހިރާއްޖެ ޒިޔާރަތްކުރަން ހިތްއެދޭ ގޮތަކަށް، ދިވެހިރާއްޖެ އަކީ މިވަގުތުވެސް ޗުއްޓީ ހޭދަކުރަން އަންނަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮންނަ ފަތުރުވެރި މަންޒިލެއް ކަމުން، ޗުއްޓި ހޭދަކުރަން އަންނަ ފަރާތްތަކަށް ތޮށްޖެހުން ކުޑަ ރައްކާތެރި އުފާވެރި ހިތްހަމަ ޖެހޭ މާހައުލެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެކަމުގެ މެސެޖް މި ކެމްޕޭނުގެ ތެރެއިން ފަތުރުވެރިންނަށް ދެވިގެންދާނެ އެވެ. އެގޮތުން މިއީ މަދު ގައުމަކުން ނޫނީ ފަތުރުވެރިންނަށް ނުލިބޭނެ ފުރުސަތެއްކަން ވެސް ބުނެދެވިގެންދާނެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭން އިޓަލީ، އިނގިރޭސިވިލާތް އަދި ރަޝިޔާގެ 50 މިލިއަން މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވޭއިރު، މިކެމްޕެއިންގެ ސަބަބުން މި ތިން މާކެޓުން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

މިދިޔަ ހަފްތާގައި ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ފަތުރުވެރިން ދަތުރުކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހިމެނުމާއެކު ވަނީ ސްކައިސްކޭނާ މެދުވެރިކޮށް ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ހޯދި މިންވަރު 282 އިންސައްތަ އިތުރުވެފައެވެ. މިކަމުން އިންގިގެންދާނީ އިނގިރޭސި ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކުރަން ތައްޔާރަށް ތިބިކަމެވެ.

މި ކެމްޕެއިން އަމާޒުކޮށްފައިވާ ތިން މާކެޓަށް ހާއްސަކޮށްގެން އެގައުމުތަކުގެ ބަހުން ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަނަށް ހާއްސަ ޕޭޖެއް ސްކައިސްކޭނާ ޕްލެޓްފޯމްގައި ޝާއިއުކުރެވޭނެއެވެ.

މި ސަފްހާ ކޮންޓެންޓު ހާއްސަކޮށްފައި ވަނީ ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ ތަފާތު އެކްސްޕީރިއަންސްތަކުގެ މައުލޫމާތު ގެނެސް ދިނުމަށާއި ދިވެހިރާއްޖެއަކީ އެހެން މަންޒިލްތަކާ ވަރަށް ތަފާތު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ. މީގެއިތުރުން ސްކައިސްކޭނާ ވެބްސައިޓަށް ވަންނަ ފަރާތްތަކުން އެންމެ ގިނައިން ޒިޔާރަތްކުރާ ސޮފްހާތަކުގެ ޕްރައިމް ލޮކޭޝަންތަކުގައި އިޓަލީ އާއި ރަޝިއާ އަދި އިނގިރޭސި ބަހުން ދިވެހިރާއްޖޭގެ އިޝްތިހާރުތައް ޖަހައި، ފްލައިޓްތައް ހޯދަން ސާޗްކުރާ މައި ސޮފްހާގައި ވެސް ދިވެހިރާއްޖޭގެ އިޝްތިހާރުތައް ހިމެނެއެވެ. މި އިޝްތިހާރުތަކަކީ އާ މަންޒިލްތައް ހޯދަމުން އަންނަ ފަރާތްތުގެ މެދުގައި ދިވެހިރާއްޖެ އަކީ ޒިޔާރަތްކުރަން މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ދިވެހިރާއްޖެއާ މެދު ޝައުގުވެރިކަން އިތުރުކުރުމެވެ.

ކޮވިޑް-19އާ ގުޅިގެން ހަތަރު މަސްދުވަހަށްފަހު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު، ފަތުރުވެރިންނަށް މަރުހަބާކިޔަން ދިވެހިރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތްކަން ހާމަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ "ރިޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ގްލޯބަލް ކެމްޕެއިނެއް ފަށާފައެވެ.

މި ކެމްޕެއިންގެ މަގްސަދަކީ ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް އަލުން ދަތުރުތައް ފަށާފައިވާއިރު ފަތުވެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމެވެ. އަދި ދިވެހިރާއްޖެ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމަކީ ހުރިހާ ގޮތަކުން ވެސް ފަތުރުވެރިންނަށް ދިވެހިރާއްޖެ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

ދިވެހިރާއްޖެ މަގުބޫލު އަދި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ސީއެންއެން އާއެކު އަންނަނީ ގްލޯބަލް ކެމްޕެއިނެއް މިހާރުވެސް ހިންގަމުންނެވެ.

މިހާރު ކުރިއަށް ގެންދާ އިތުރު މާކެޓިން ހަރަކާތްތަކުގެ ތެރޭގައި މެދުއިރުމަތި މާކެޓަށް އަމާޒުކޮށްގެން ހިންގާ ޑިނާޓާ ކެމްޕެއިން، އިނގިރޭސިވިލާތާއި ސައުތްކޮރެއާގައި ކުރިއަށްދާ އައުޓްޑޯ ކެމްޕެއިން، ޖަރުމަންވިލާތަށް އަމާޒުކޮށްގެން ޖާރމަން ބްރައިޑަލް މެގަޒިން އަދި މާކޯ ޕޯލޯ އާއެކު ކުރިއަށް ގެންދާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިން ހިމެނެ އެވެ. މީގެއިތުރުން ޓްރެވަލް ވީކްލީއާއެކު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދާ ކެމްޕެއިން، އިންޑިއާގައި ކުރިއަށްދާ ވެޑިން ސުތްރާ ކެމްޕެއިންގެ އިތުރުން ފްރާންސްގައި އޯޓީއޭއާއެކު ކުރިއަށްދާ ކެމްޕެއިން އާއި ރަޝިއާ މާކެޓަށް އަމާޒުކޮށް ކުރިއަށްގެންދާ ޓްރެވެލާޓާ، ސްލެޓަޓް އަދި ސްކުއިޒް ކެމްޕޭން ހިމެނެއެވެ.

ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލައި، ވިޒިޓް މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތްތަކަށް އެންމެ އެކަށީގެންވާ ބަދަލު ގެނެސްފައެވެ. އެގޮތުން ދިވެހިރާއްޖެ ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށް ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމަކީ ތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލަށް ވެގެންދާނެ ސަބަބުކަމުގައި ވަނީ ބުނެދީފައެވެ. އަދި މިއީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއާ މެދު އޮންނަ އިތުބާރު ވެސް އިތުރުވާނެ ކަމެކެވެ.