ދުނިޔެ

ތުރުކީ ބިންހެލުން: އިމާރާތެއްގެ ދަށުވި އަންހެނަކު 17 ގަޑިއިރު ފަހުން ސަލާމަތްކޮށްފި


ތުރުކީވިލާތަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 17 ގަޑިއިރު ފަހުން ދިރިހުރި އަންހެނަކު ސަލާމަތްކޮށްފިއެވެ.

އިއްޔެ ހަވީރު ތުރުކީވިލާތަށް އައި 7.0 ހެކްޓަރުގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުން އަދަދު މިހާރުވަނީ 24 އަރާފައެވެ. ބިންހެލުން އައިސްފައިވަނީ ތުރުކީވިލާތުގެ އައްސޭރިން 17 ކިލޯމީޓަރު ދުރުން އަދި ކަނޑުގެ 16 ކިލޯމީޓަރު އަޑިންނެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 800 ވުރެ މައްޗަށް އަރާފައެވެ.

މި ބިން ހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިޒްމީރް ޕްރޮވިންސަށެވެ. ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވީ އިޒްމީރުގެ ދެ ޑިސްޓުރިކްޓަކުން އިމާރާތްތައް ވެއްޓިފައިވާކަމަށެވެ. އިޒްމީރުގެ މޭޔަރު ތަންކު ސޯޔާ ވިދާޅުވީ އިޒްމީރު ޕުރޮވިންސުން މުޅިއަކު ވިއްސަށްވުރެ ގިނަ އިމާރާތް ވެއްޓިފައިވާކަމަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން އަންނަނީ ހުއްޓާނުލާ އަދިވެސް މަސައްކަތްކުރަމުންނެވެ. އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު އަދިވެސް ތިބެދާނެކަމަށް މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރާ ޓީމުތަކުން ގަބޫލުކުރެއެވެ.

ބިންހެލުމުގެ އަސަރު އިސްތަންބޫލަށާއި ގްރީސްގެ ވެރިރަށް އެތެންސަށް ވެސް ވަނީ ކޮށްފައެވެ. ގުރީސްގެ ބައެއް އިމާރާތްތައް ވެއްޓިފައިވެއެވެ. ގްރީސްގެ ރަށެއްކަމަށްވާ ސާމޯސްގައި ވެއްޓިފައިވާ ފާރެއްގެ ދަށުން ޒުވާން އުމުރު ފުރައިގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކުވެސް ވަނީ ފެނިފައެވެ.

މި ބިން ހެލުމާއި އެކު އިޒްމީރަށް ވަނީ ސުނާމީއެއްވެސް އަރާފައެވެ. މި ސުނާމީގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭހައި ބޭނުންކުރާ ސަމާނުތައް އޮޔާދާ މަންޒަރުތައްވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ޖޯގުރަފީގެ ގޮތުން ތުރުކީވިލާތް އޮންނަ ސަރަޙައްދުގެ ގޮތުން ބިންހެލުން އައުމުގެ ފުރުޞަތު އެންމެ ބޮޑު ޤައުމަކީ ތުރުކީވިލާތެވެ. 1999ވަނަ އަހަރު އެ ޤައުމުގެ އިޒްމިތު ސިޓީއަށް އައި 7.6 ހެކްޓަރު މިންގަނޑުގެ ބިންހެލުމެއްގައި 17،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެއަށްފަހު އެ ޤައުމުގެ ވާން ސިޓީއަށް 2011ވަނަ އަހަރުގައި އައި ބިންހެލުމެއްގައި 500އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.