ކުޅިވަރު

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބު އަންނަމަހު 7 ގައި



ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ލިލީ ހޮޓެލްސްގެ އެމްޑީ އަޙްމަދު ހަފީޒް ކުރިމަތިލައިފިއެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބު ބެއްވުމަށް ތާވަލްކޮށްފައިވަނީ މިއަންނަ މަހުގެ 7ވަނަ ދުވަހުއެވެ. އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 19ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެސޯސިއޭޝަންގެ 4ވަނަ އިންތިޚާބު މިއަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަންޖެހެއެވެ.

ޓެނިސް އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އަހުމަދު ހާފިޒް އެކަންޏެވެ. ނާއިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު އަމީން އާއި މުހައްމަދު ހާނިމް އެވެ. މުހައްމަދު އަމީނަކީ މިހާރުވެސް އެސޯސިއޭޝަންގެ ނައިބް ރައީސެވެ. އެސޯސިއޭޝަންގެ އެކްސްކޯއަށް ހޮވާ އިތުރު ތިން މެންބަރުކަމަށް ހަތަރު ބޭފުޅަކުވަނީ ކުރިމަތިލާފައެވެ. މިމަޤާމަށް ކުރިމަތިލާފައިވާ ހަތަރު ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މިހާރު ހިންގާ ކޮމެޓީގައި ހިމެނޭ ހަސަން ޝާމުއެވެ. މިމަގާމަށް އަލަށް ކުރިމަތިލާފައިވަނީ އަޒުމާ އިބްރާހިމާއި ޔޫސުފް ރިޒާ އާއި މޫސާ އާޒިމެވެ.

ޓެނިސް އެސޯސިއޭޝަންގެ ވޯޓުން އިންތިޚާބްކުރުމަށް ނިންމާފައިވަނީ ރައީސް އާއި ނައިބް ރައީސްގެ އިތުރުން، ތިން މެންބަރުންނެވެ. އިންތިޚާބުވާ ހިންގާ ކޮމެޓީން އައްޔަން ކުރާ ދެ މަޤާމަކީ ޖެނެރަލް ސެކެރެޓަރީ އާއި ހަޒާންދާރެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެ އެސޯސިއޭޝަނުގެ އާންމު މެންބަރުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުވާލާ ދުވަހުގެ ނިޔަލަށް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީގައި ތިބި މެންބަރުންނަށް އެކަންޏެވެ. ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ 215 މެންބަރުންނެވެ.