ކުޅިވަރު

އިސްލާހާއެކު ކުޅިވަރު މުއައްސަސާތައް ދެފުށް ފެންނަ ގޮތަށް ހިންގޭނެ: ރައީސް ނަޝީދު



ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކާއެކު ކުޅިވަރު މުއައްސަސާތަށް ދެފުށް ފެންނަ ގޮތަށް ހިނެގޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެންނަ އިސްލާޙުތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑެމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށެވެ. އަދި ކުޅިވަރާއި ކުޅިވަރުގެ ވަސީލަތްތަށް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރިކަމަށާއި ހަސަން ލަތީފް ހުށައެޅުއްވި ބިލުން އެކަންކަން ހާސިލުވާނެ ކަމަށްވެސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިންސްޓިޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. މީގެއިތުރުން މި ޤާނޫނުގައި ކުޅިވަރާބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި ގުޅޭގޮތުންވެސް ވަނީ ބައިތަކެއް ހިމަނާފައެވެ.

މި އިސްލާޙުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއް ސަސްޕެންޑުކުރާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން ބައެއް އިސްލާހުތައް ކުޅިވަރުގެ ދާއިރާގައި ހިމެނޭ ބައެއްގެ ތަޢުރީފް ލިބިފައިވާއިރު އެންމެ ބޮޑަށް ފާޑުކިއުންތަށް އަމާޒްވެފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހާއިި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބްގެ އެންމެހާ ކަންތައްތައް ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންކަމަށް ބުނާ އިސްލާޙަށެވެ.

މިއިސްލާޙަށް އިޝާރާތްކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓްއެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މެނިފެސްޓޯއާއި އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ޤާނޫނާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ޤަވާއިދުތަކާއި އެއްގޮތަށް މިނިސްޓަރ މަޙްލޫފު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގެ ގާނޫން އެންމެ ފުރަތަމަ ވުޖޫދަށް އައީ 2015 ވަނަ އަހަރުގައެވެ.