ދުނިޔެ

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފުރާންސާއި ދެކޮޅަށް މުޒާހަރާތައް


ފަރަންސޭސިވިލާތާއި ދެކޮޅަށް ޕާކިސްތާނާއި ބަންގުލަދޭޝާއި ފަލަސްޠީނުގައި އެތައް ހާސް މުސްލިމުންނެއް މުޒާހަރާކޮށްފިއެވެ.

އިސްލާމް ދީނާއި މުސްލިމުންނާއި މެދު އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮން ގެންގުޅުއްވާ ސިޔާސަތުތައް ގިނަ ޢަދަދެއްގެ މުސްލިމުންދަނީ ކުށްވެރިކުރަމުންނެވެ. ފަރަންސޭސިވިލާތުން މާތް ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަޖޫޖަހައި ތައްޔާރުކޮށްފައިވާ ކާޓޫނުތަކެއް އެ ޤައުމުގައި ޝާއިޢުކުރުމުން އެކަން ކުށްވެރިކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ދެކޮޅު ހަދައިފައެވެ. އެފަދަ ކާޓޫނުތައް ތައްޔާރުކޮށް އާންމުކުރުމަކީ އެއީ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމުގެ ދަށުން ލިބިދޭ ހައްޤެއްކަމަށް ފަރަންސޭސިވިލާތުން ބުނެއެވެ.

ފަރަންސޭސިވިލާތާއި ދެކޮޅާށް ޕާކިސްތާނުގައިވަނީ ގިނަ ޢަދަދެއްގެ މީހުން މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިންވަނީ އިސްލާމުއާބާދުގައި ހުންނަ ފަރަންސޭސިވިލާތުގެ އެމްބަސީ ދޮށަށް ކައިރިވުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަލާމަތީ ބެރިކޭޑުތައް ފަޅާލައި އެ ސަރަޙައްދަށް ވަނުމަށް މަސައްކަތްކޮށްފައެވެ. އެ ކަން ހުއްޓުވުމަށް ފުލުހުންވަނީ ކޮންމެވެސް ވަރަކަށް ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އިސްލާމްއާބާދުގެ އިތުރުން ކަރާޗީއާއި ލާހޯރާއި ޕެޝާވަރުގައިވެސް އާންމުންވަނީ މުޒާހަރާކޮށްފައެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައިވެސް ގިނަ ޢަދަދެއްގެ މީހުންވަނީ ފަރަންސޭސިވިލާތާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިންވަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޯއިކޮޓުކުރުމަށް ގޮވައިލައިފައެވެ. އެމީހުން ބުނަމުން ދިޔައީ ދުނިޔޭގައި ހުރި އެންމެ ބޮޑު ނިރުބަވެރިއަކީ ރައީސް މެޚްރޮންކަމަށާއި އިސްލާމް ދީނާއި ދެކޮޅަށް ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ މުގުލުގައި ހުރީ ރައީސް މެޚްރޮންކަމަށެވެ. ނަމަވެސް އިސްލާމްދީނުގެ ބާރު މެޚްރޮނަށް އެނގިނުލައްވާކަމަށާއި މައްސަލައަކަށް ނުހަދައި ފަރަންސޭސިވިލާތުގެ ޢަމަލުތައް ދޫނުކޮށްލާނެކަމަށްވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ އިންޑިޔާގެ މުމްބާއީގައި އޮންނަ ޑިސްޓްރިކްޓެއްގައިވެސް ރައީސް މެޚްރޮނާއި ދެކޮޅަށްވަނީ ރުޅިވެރިކަން ފައުޅުކޮށްފައެވެ. އެގޮތުން މެޚޮރޮންގެ ފޮޓޯޖަހާފައިވާ އިހުތިރާމް ގެއްލޭފަދަ 100އަށްވުރެ ގިނަ ޕޯސްޓަރުވަނީ އެ ސަހަރުގެ އެކި ސަރަޙައްދުތަކުގައި ތަތްކޮށްފައެވެ.

ލުބުނާނުގައިވެސް 300އަށްވުރެ ގިނަ މީހުންވަނީ މުޒާހަރާކޮށްފައެވެ. މިސްކިތަކުން ފަށައިގެން ލުބުނާނުގައި ހުންނަ ފަރަންސޭސިވިލާތުގެ ސަފީރު އުޅުއްވާ ރަސްމީ ގެކޮޅު ކައިރިއަށް މުޒާހަރާގެ ބައިވެރިންވަނީ ގޮސްފައެވެ. ނަމަވެސް އެ ރޫޅާލުމަށް ފުލުހުންވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

ފަލަސްޠީނުގެ މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދުކުރުމަށްފަހު ނަމާދުގައި ބައިވެރިވި އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުންވެސްވަނީ ފަރަންސޭސިވިލާތާއި ދެކޮޅަށް އަޑުއުފުލައިފައެވެ. ހުކުރު ނަމާދުގެ ހުތުބާ ވިދާޅުވި އިކްރިމާ ސޮބްރީ ވިދާޅުވީ ފަރަންސޭސިވިލާތުގެ ރައީސް އިސްލާމް ދީނާއި ދެކޮޅަށް ދެއްކެވި ވާހަކައިގެ ސަބަބުން މިހާރު އުފެދިފައިވާ ޙާލަތުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް މެޚްރޮންކަމަށެވެ.

ރަޝިޔާގައިވެސް މުޒާހަރާކުރުމަށް ބަޔަކު ނިކުތުމުން ފުލުހުންވަނީ އޭގެ ތެރެއިން ފަނަރައެއްހާ މީހުން ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނދު އައްސޭރީގައިވެސް ފަލަސްޠީނުގެ ރައްޔިތުންވަނީ ނުރުހުން ފައުޅުކޮށްފައެވެ. ޙަމާސްގެ ބާރުގެ ދަށުގައި އޮންނަ ގައްޒާގައިވެސް ގިނަ ޢަދަދެއްގެ މީހުންވަނީ މުޒާހަރާކޮށްފައެވެ. އޭގެ އިތުރުންވެސް ގިނަ ޤައުމުތަކަކުންވަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓުކުރުމުގައި ޙަރަކާތްތެރިވަމުންނެވެ.

ފަރަންސޭސިވިލާތުގެ ޢަމަލުތައް ކުށްވެރިނުކޮށް އެކަންކަން ބަލައިގަނެ ހިތްވަރުދެމުންދާ ޤައުމުތައްވެސް އެބަހުއްޓެވެ.