ދުނިޔެ

މާދަމާއިން ފެށިގެން އުމްރާއަށް ދެވޭނެ، 3 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ


ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް މަދާމާއިން ފެށިގެން އުމްރާއަށް ހުޅުވާލުމަށް ސައުދީން ނިންމައިފިއެވެ.

މީ ކޯވިޑުން ރައްކާތެރިވުމަށް ޙަރަމްފުޅު ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު އަލުން އުމްރާއަށް މި މަހު 4 ގައި ހުޅުވާލި ފަހުން ޤައުމުން ބޭރުން އަންނަ މީހުންނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް ހުޅުވާލުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާއްމުކޮށް އުމްރާއަށް ހުޅުވާލި ނަމަވެސް އުމްރާއަށް އެޤައުމަށް ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ސައުދީ ޙައްޖު މިނިސްޓްރީން ބުނީ އުމްރާއަށް އެ ޤައުމަށް އަންނަ މީހުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެކަމަށެވެ. އަދި އުމްރާއަށް އާދެވޭނީ އެމީހެއްގެ ޤައުމުން އެމީހެއްގެ ގައިގައި ކޯވިޑް ނެތްކަން އަންގައިދޭ ޕީސީއާރު ޓެސްޓް ސެޓިފިކެޓެއް ހުށައެޅުންކަމަށެވެ. އަދި މި ޓެސްޓަކީ 72 ގަޑިއިރު ނުވާ ޓެސްޓަކަށް ވާންޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް އަންނަ މީހުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތައް ވަނުމަށް ރިޒަވޭޝަން ހައްދަންޖެހޭނެކަމަށާއި ސައުދީން ފުރާނެ ތާރީހުވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. މީގެއިތުރުން އުމްރާއަށް އަންނަ މީހުންގެ ވަކި ޕްރޮގްރާމެއް ކަނޑައެޅި އެކަންވެސް ލިޔުމުން ހުށައަޅަންޖެހެއެވެ.

އުމްރާއަށް އެތެރެވާ ހުއްދަ ދޭނީ ސައުދީ ސަރުކާރުން ކަނޑައަޅާ ވަކި ޤައުމުތަކަށެވެ. އަދި ހުއްދަދޭ ޤައުމުތަކުން އުމްރާއަށް އަންނަ ކޮންމެ ގްރޫޕެއްގައި ގެނެވޭނީ ގިނަވަގެން 50 މީހުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. އަދި ޤްރޫޕަކާއި ނުގުޅި އަދި އުމްރާއަށް ސައުދީއަށް އެތެރެ ނުވެވޭނެކަމަށްވެސް އެ ޤައުމުން ބުނެއެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އަންނަ މީހުންނަށް ހާއްސަކޮށްގެން 1800 ހޮޓާ ހަމަޖައްސާފައިވާކަމަށާއި މި ތަންތަނުގައި ޖުމްލަ ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދެވޭއިރު މީ ތިން ތަރިއާއި ފަސްތަރީގެ ހޮޓާތައް ކަމަށެވެ. އަދި މި ތަންތަނުގައި ވަކި އުސޫލްތަކެއް ހިފެހެއްޓުމަށް އަންގާފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު އާއްމުކޮށް ހުޅުވާލާއިރު ޙަރަމުފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.