ދުނިޔެ

ބާރު ސްޕީޑުގައި ދިޔަ ކާރެއް ޙަރަމްފުޅު ދޮރަށް


ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ޙަރަމް ސަރަހައްދަށް ވަދެ ޙަރަމްފުޅަށް ވަންނަ ދޮރެއްގައި ޖައްސައިފިއެވެ.

ސައުދީ ގަޑިން ރޭ 10:25 އެހާކަންހާއިރު ހިނގި މިހާދިސާގެ މާބޮޑު ތަފްސީލުތަކެއް އަދި އާއްމުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ކާރު ޙަރަމް ސަރަހައްދަށް ވަދެގެންދާ ވީޑިއޯ ވަނީ އާއްމުކޮށްފައެވެ.

ސައުދީގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިކާރު ދުއްވަން އިނީ އެ ޤައުމުގެ ރައްޔިތެކެވެ. އޭނާއާއި އެކު ކާރު ގޮސް ޙަރަމްގެ 89 ވަނަ ދޮރުގައި ޖެހުމުން އެމީހާ ފިލަން މަސައްކަތްކުރިއެވެ. އަދި އޭނާ ހައްޔަރުކުރީ ޙަރަމް ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދުންނެވެ.

މައްކާގެ ޙަރަމްފުޅުގެ ބޭރުން އޮންނަ ކޮމްޕައުންޑް ސަރަހައްދަކީވެސް ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. އާއްމުކޮށް މިސްކިތް ފުރުމުން މި ސަރަހައްދު ފުރި އެތައް ހިސާބަކަށް ނަމާދުގެ ޖަމާއަތުގެ ސަފުތައް ދެމިގެން ދެއެވެ.

މި ސަރަހައްދަކީ އެއްވެސް ބާވަތެއްގެ ވެހިކަލެއް ވަނުން މަނާ ސަރަހައްދަށް ވުމުން މި ކާރަށް އެ ސަރަހަދަށް ވަން ގޮތެއް އަދި ނޭގެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.