ޚަބަރު

އިތުރު 27 މީހަކު މިއަދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 27 މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 16 ދިވެހިންނާއި 11 ބިދޭސީންނެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހުންނާއި ގުރޭޓާ މާލެ އޭރިއާއިން ޕޮޒިޓިވްވި 18 މީހުންނެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 11،643އަށް މަތިވެފައެވެ. މިއަދު 44 މީހަކު ބަލިން ރަނގަޅުވި އިރު، ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 10،779 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބަލިން ރަނގަޅުނުވެ ތިބީ، 820 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 259 މީހުން ތިބިއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވިފައި ތިބީ 54 މީހުންނެވެ.

އަތޮޅުތަކުގައި ހުރި ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ ތެރެއިން މިވަގުތު، ބަލިމީހުން އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ، ށ ފުނަދޫގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގަޔާއި، ބ އޭދަފުށީގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައެވެ. މިގޮތުން ށ އަތޮޅު ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުންދާއިރު، ބ އަތޮޅު ކޮވިޑް ފެސިލިޓީގައި 6 މީހަަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިވަގުތު، މީހުން ދިރިއުޅޭ 20 ރަށެއްގައި، ކޯވިޑަށް ޕޮޒިޓވްވެފައިވާ 32 މީހުން ތިބި އިރު، 26 ރިސޯޓެއްގައި 37 ޓުއަރިސްޓުންނާއި 82 މުވައްޒަފުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި އެބަތިއްބެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1778 ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.