ކުޅިވަރު

ދުނިޔޭގެ އެއްވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެޙްވާލް ރާއްޖޭގައި



ދުނިޔޭގެ އަންހެން ބެޑްމިންޓަންގެ އެއްވަނަ މަގާމް ހޯދާފައިވާ ސާނިޔާ ނެޙްވާލް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިޔާގެ ސާނިޔާ ނެޙްވާލް ރާއްޖެ އައިސްފައިވަނީ ބެޑްމިންޓަން ކުޅޭ އެހެން ކުޅުންތެރިންތަކަކާވެސް އެކުގައެވެ. މިއީވެސް ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންނެވެ. ރާއްޖެ އައިސްފައިވަނީ ގުރުސައިދަތު، ސައި ޕަރްނީތެވެ. މިކުޅުންތެރިންގެ އިތުރުން ރާއްޖެ އައިސްފައިވަނީ ސުމަންސާ، ސުވާތީ، އަމުލިޔާ އަދި ސުވެއިތާއެވެ.

މި ކުޅުންތެރިން މާލެ އައުމުން އެމީހުންނަށް މަރުހަބާ ކިޔާފައިވަނީ ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން ރަޝީދެވެ.

އިންޑިޔާއަށް އުފަން ސާނިޔާ ނެހެވާލްވަނީ 2015ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ ބެޑްމިންޓަންގެ އެއްވަނަ މަގާމް ހޯދާފައެވެ. ސާނިޔާވަނީ ބައިނަލަގްވާމީ 24 މެޑަލް ހޯދާފައެވެ. މީގެ ތެރޭގައި 11 ސުޕަރ ސީރީސް ހިމެނެއެވެ. ސާނިޔާވަނީ ތިން ފަހަރެއްގެ މަތިން އޮލިމްޕިކްސްގައި އިންޑިޔާ ތަމްސީލްކޮށްފައެވެ. ސާނިޔާވަނީ ބީޑަބްލިއުއެފް އިންޑިވިޖުއަލް އިވެންޓް، އޮލިމްޕިކްސް އަދި ބީޑަބްލިއުއެފް ވޯލްޑް ޗެންޕިއަންޝިޕްއާއި ބީޑަބްލިއުއެފް، ވޯލްޑް ޖޫނިއަރ ޗެންޕިއަންޝިޕް މީގެއިން ކޮންމެ މުބާރާތެއްގައިވެސް ސާނިޔާވަނީ މެޑަލްއެއް ހޯދާފައެވެ. މިހުރިހާ މުބާރާތަކުން އިންޑިޔާގެ ބެޑްމިންޓަން ކުޅުންތެރިއަކަށް މީގެ ކުރިން މެޑަލްއެއް ހޯދިފައެއް ނުވެއެވެ. އޮލިންޕިކްސްއިން މެޑަލްއެއް ހޯދުމުގެ އިތުރުން ސާނިޔާވެފައިވަނީ ބީޑަބްލިއުއެފް ވޯލްޑް ޗެންޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރި ހަމައެކަނި އިންޑިޔާގެ ކުޅުންތެރިއާއެވެ. އަދި ބީޑަބްލިއުއެފް ވޯލްޑް ޖޫނިއަރ ޗެންޕިއަންޝިޕް ކާމިޔާބުކުރި ހަމައެކަނި އިންޑިޔާ ކުޅުންތެރިއަކީ ސާނިޔާ ނެހެވާލްއެވެ.

ޕަރުޕާލީ ކޭޝަޕްވަނީ 2014ވަނަ އަހަރު ގްލާސްގޯގައި ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގައި ފިރިހެން ސިންގަލްސްއިން ގޯލްޑް މެޑަލް ހޯދާފައެވެ. އަދި 2012ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގެ ކުއަޓަރ ފައިނަލާއި ހިސާބަށްވެސް ކޭޝަޕް ދަތުރުކޮށްފައިވެއެވެ. 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14ވަނަ ދުވަހު ސާނިޔާ ނެޙެވާލްއާއި ޕަރުޕާލީ ކޭޝަޕްވަނީ ކައިވެނިކޮށްފައެވެ.