ޚަބަރު

ޝަހީބް ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ


ހުޅުމާލޭ ފަޅުތެރޭގައޮ އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލަގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ދޫކޮށްލަން ދަށުކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ޝަހީބް އިބްރާހީމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން އެނާ ދޫކޮށްލީ އިއްޔެއެވެ.

ފުލުހުން ވިދާޅުވީ ކޯޓުން ޝަހީބް އިބްރާހިމް ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަޙްޤީޤަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުމުން ކަމަށެވެ. ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 12 ވަނަދުވަހުގެ ހެނދުނުއެވެ. މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯ ހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ޝަހީބުގެ އިތުރުން 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މި ތަކެތި އެތެރެކުރުމުގައި ޝަހީބާއި އެކު އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.