ދީން

ރަބީޢުލް އައްވަލް، އިސްލާމީ އުންމަތަށްއައި ރަބީޢު


ރަބީޢުލް އައްވަލް މަހަކީ، ހިޖްރީ ކަލަންޑަރުގައި ތިންވަނައަށް އަންނަ މަހެވެ. މި މަހަށް ރަބީޢުލް އައްވަލްގެ ނަންދެވުނީ، ކީރިތި ރަސޫލާގެ ފަސްވަނަ ކާފާފުޅު، ކިލާބު ބިން މުއްރަތުގެ ވެރިކަމުގައި، މީލާދީ ސަނަތުން 412 ވަނަ އަހަރުގައެވެ. ރަބީޢުލް އައްވަލް މަހަކީ އެ މަހެއްގައި ކީރިތި ރަސޫލާ އުފަންވެވަޑައިގެންނެވި މަހެވެ.

ރަބީޢުލް އައްވަލް މަހަށް މި ނަން ކިޔުނު ސަބަބާއި މެދު އެތައް ރިވާޔަތްތަކެއް ހުރެއެވެ. އޭގެތެރޭގައި ހިމެނޭ އެއް ރިވާޔަތެއް ބުނާގޮތުގައި، ޢަރަބީންނަށް ޞަފަރު މަހުގެ ތެރޭގައި، ހަނގުރާމަކޮށްގެން ލިބޭ ގޮވާންތަކުން ދަނޑު ބިން ހައްދާ މޫސުމެއްގެ ގޮތުގައި ރަބީޢުލް އައްވަލް މަހުގެ ބޭނުންކުރާކަމަށްޓަކައި މިނަން ކިޔެނީއެވެ. އެހެނީ، މުޙައްރަމު މަހަށް ފަހު، ޢަރަބީން، ހަނގުރާމަކުރާން ފަށާ މަހަކީ، ޞަފަރު މަހެވެ. އަދި ހަމައެހެންމެ، ރަބީޢުލް އައްވަލް މަހަކީ، ޢަރަބީން ދަނޑު ހައްދައި ގޮވާންކޮށް، އެމީހުން ގެންގުޅޭ ޖަމަލާއި ބަކަރިތައް ހުއި ހެއްޕުމަށް އެންމެ ކަމުދާ ރަގަޅު މަހެއްކަމުގައިވާތީ، ރަބީޢުލް އައްވަލް ކިޔެނީއެވެ. ޢާންމު ގޮތެއްގައި، ރަބީޢުލް އައްވަލް މަހާއި ރަބީޢުލް އާޚިރު މަސް އަންނަނީ ޚަރީފު މޫސުމުގައެވެ. ޢަރަބީންގެ ގާތުގައި ޚަރީފު މޫސުމަކީ ރަބީޢު މޫސުމެވެ. ރަބީޢު މޫސުމަކީ ހޫނު މޫސުމެވެ.

ބައެއް ރިވާޔަތްތައް ބުނާގޮތުގައި ފިނި މޫސުން ޢަރަބީން ދެ ބަޔަކަށް ބަހައިލައެވެ. މިގޮތަށް ބަހައިލެވޭ ދެ ބަޔަށް ކިޔަނީ ދެ ރަބީޢު އެވެ. ފުރަތަމަ ރަބީޢު އަކީ، ފެންލިބުމާއި ވާރޭ ވެހޭ ދުވަސްވަރެވެ. އަދި ދެވަނަ ރަބީޢުއަކީ، ދަނޑުހެއްދުމުގެ ބައެވެ. މި ބައިގައި، ދަނޑުތައް ހެދި ގަސްތައް ބިޔަވަމުންދެއެވެ. އަދި ޢަރަބީންގެ ގާތުގައި މުޅި ފިނި މޫސުމަކީ، ރަބީޢުއެވެ. އެހެނީ، ފަތިހުގެ ފިނި ފައިބާ މޫސުމަކީ މިއީއެވެ.

ޙަޤީޤަތުގައި، ޢަރަބީންގެ ތެރޭގައި އަންނަނީ ދެ ބާވަތެއްގެ ރަބީޢު އެކެވެ. މަސްތަކުގެ ރަބީޢުއަކާއި، ޒަމާންތަކުގެ ރަބީޢުއެކެވެ. އެ ދެމަހަކީ، ޞަފަރު މަހަށް ފަހު އަންނަ ދެމަހެވެ. އެ ދެމަހަކީ ރަބީޢުލް އައްވަލާއި ރަބީޢުލް ޢާޚިރް އެވެ. ޒަމާންތަކުގެ ރަބީޢުވެސް ދެ ބައަކަށް ބެހެއެވެ. ފުރަތަމަ ރަބީޢުއަކީ، މޭވާގެ މޫސުމެވެ. އަދި ދެވަނަ މޫސުމަކީ މޭވާ ބިންނަ މޫސުމެވެ.

ރަބީޢުލް އައްވަލް މަހުގައި ހިނގާފައިވާ އެންމެ މުހިންމު ޙާދީޘާތަކުގެ ތެރޭގައި، ކީރިތި ރަސޫލާ އުފަންވެވަޑައިގަތުން ހިމެނެއެވެ. ކީރިތި ރަސޫލާ އުފަންވެ ވަޑައިގެންނެވީ، ރަބީޢުލް އައްވަލް މަހުގެ ކޮން ތާރީޚެއްގައިތޯ ކުރެވޭ ސުވާލުގެ ޖަވާބު ތަފާތު ގޮތް ގޮތަށް ދެވިގެންވެއެވެ. ރަބީޢުލް އައްވަލް މަހުގެ އަށެއް، ދިހައެއް، އަދި ބާރަ މި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައެވެ.

ވަރަށް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި، އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތީ، އިތުރު އެކަލޭގެފާނު ހިޖްރައަށް ވަޑައިގަތުމުގެ 53 އަހަރު ކުރިން އައި، ރަބީޢުލް އައްވަލް މަހެއްގެ 9 ވަނަ ދުވަހުގައެވެ. މި ތާރީޚު ދިމާވަނީ މީލާދީ ގޮތުން 20 އެޕްރީލް 571 ވަނައަހަރާއެވެ. މިއީ ފީލް ބާގައިގެ މީހުން ގެފުޅު މުގުރައިލާން އައި އަހަރުގެ ނަމުން ސީރަތުގައި މަޝްހޫރުވެގެންވާ އަހަރުވެސް މެއެވެ. މިޞްރާއި، އަދި މިނޫންވެސް މުސްލިމު ބައެއް ޤައުމުތަކުގައި ރަސޫލާގެ ޢީދު މީލާދީ ފާހަގަކުރަނީ ރަބީޢުލް އައްވަލް މަހުގެ ބާރަވަނަ ދުވަހުގައެވެ. މިއީ، މިޞްރުގައި ފާޠިމީ ދައުލަތުން ވެރިކަން ކުރަމުން ދިޔަ ދުވަސްވަރު ފެށިކަމެއްގެ ގޮތުގައި ހިނގަމުން އައި ކަމެކެވެ.

ކީރިތި ރަސޫލާ ޙިޖްރައަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިން ރޭ މަޑުކުރެއްވުމަށްފަހު، ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ދުވަހު މަދީނާއަށް ޙިޖްރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވިއެވެ. މަދީނާގެ ރަށް ބޭރުގައި އޮންނަ ޤުބާ އަވަށަށް ވަޑައިގެންނެވުނީ، ޙިޖްރައިން ފުރަތަމަ އަހަރު، ރަބީޢުލް އައްވަލް މަހުގެ އަށެއްވީ ހޯމަ ދުވަހެއްގައެވެ. އަދި ޤުބާގައި އެންމެ ފުރަތަމަ މިސްކިތް ބިނާކުރެއްވިއެވެ. އަދި މަދީނާއަށް ވަޑައިގެންނެވީ، ރަބީޢުލް އައްވަލު މަހުގެ 12 ވީ ހުކުރު ދުވަހެއްގައެވެ. ރަބީޢުލް އައްވަލް މަހުގައި، ޙިޖްރައިން ފަސްވަނަ އަހަރު، ދައުމަތުލް ޖުންދުލްގެ ހަނގުރާމަ ހިނގިއެވެ. އަދި ޚަންދަޤު ހަނގުރާމަވެސް ހިނގީ ހަމަ އެއަހަރުގެ ތެރޭގައެވެ.

އިތުރު އެކަލޭގެފާނު ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތީވެސް ރަބީޢުލް އައްވަލް މަހެއްގައެވެ. ޙިޖްރައިން އެގާރަވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުން 12ވީ ހޯމަ ދުވަހެއްގައެވެ. މީލާދީ އަހަރުން،8 ޖޫން 632 ވަނަ އަހަރުގައެވެ. ދުނިޔެ ދޫކުރައްވައި ވަޑައިގަތްއިރު، ރަސޫލާގެ ޢުމުރުފުޅަކީ 63 އަހަރާއި 5 ދުވަހެވެ. ހަމަ އެއަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15ވަނަ ދުވަހު އަބޫބަކްރުގެފާނަށް ބައިޢަތު ހިފައި އެކަލޭގެފާނުގެ ޚިލާފަތު ފެށިގެން ދިއައެވެ.

ހޯމަ ދުވަހާ ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވަނީ: [ذَاكَ يَوْمٌ وُلِدْتُ فِيهِ، وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ] [އެ ދުވަހަކީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނު ދުވަހެވެ.] ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު، ރޯދަފުޅަށް ހުންނެވުމަކީ، ރަސޫލާގެ އަރިހުން ވާރިދުވެގެންވާ ގަދަ ސުންނަތެއްކަމުގައިވަނީ، މިޙިކްމަތަށްޓަކައި ކަމުގައިވުން އެކަށީގެންވެއެވެ.

ބަޔާންވެދިޔަ މަޢުލޫމާތުން އެނގިގެންދިޔަ ފަދައިން، އިސްލާމީ އުންމަތަށްއައި ރަބީޢެއްކަމުގައި، ރަބީޢުލް އައްވަލްވެގެން ދިޔުމުގައި މުހިންމު އެތައް ޙާދިޘާއެއް ހިނގައިފައިވެއެވެ. ރަބީޢުލް އައްވަލް މަހުގެ ހަނދާނާ ގުޅިފައިވާ އެންމެ މުހިންމު ޙާދިޘާއަކީ، މުޅި ދުނިޔެއަށް އަދި ހުރިހާ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުން، ޙާދިޘާއެވެ.

ކީރިތި ރަސޫލާގެ ޛިކްރާއާއި ސީރަތުގެ އެތަކެއް ހަނދާންތަކެއް މި މަހާ ގުޅިފައިވެއެވެ. މުސްލިމުންގެ ގިނަ އާބާދީތަކުގައި ރަބީޢުލް އައްވަލްމަހުގެ ހަނދާންތައް އައުކުރަމުންދަނީ، މި މަހުގެ ބާރަވަނަ ދުވަހު، އިތުރު އެކަލޭގެފާނުގެ ސީރަތާއި ސުންނަތުގެ މުހިންމުކަން ބަޔާންކޮށްދީ، ފެތުރުމަށެވެ. އިތުރު އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާއި އޯގާތެރި މިޒާޖުފުޅުގައިވާ އިންސާނިއްޔަވަންތަ ރިވެތި ސިފަތައް ބަޔާންކޮށްދިނުމަށެވެ. އިތުރު އެކަލޭގެފާނުގެ އަޚްލާޤީ ރިވެތިކަމަށް ހެކިވެ،ކީރިތި ޤުރްއާން ސިފަކޮށްފައިވަނީ: ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ﴾ އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަންކަށަވަރެވެ.

ރަބީޢުލް އައްވަލް މަހާ ގުޅިފައިވާ ހަނދާންތައް އައުކުރަމުންދާއިރު، އެންމެ އިސްކަމެއް ދޭންވީ، މުޖްތަމަޢުގެ ގުޅުންތަކާއި އެއްބަޔަކު އަނެއް ބަޔަކަށް ރަޙުމުކުރުމުގެ ރިވެތި އާދަތައް އާލާކުރުމުގެ މައްޗަށެވެ. ކީރިތި ރަސޫލާ އެކަންކަމެއްގެ މައްޗަށް ސަމާލުކަން ދެއްވި ކަންކަމުގެ ތެރޭގައި މުޖްތަމަޢުގެ އެއްބައެއްވަންތަކަން ދެމެހެއްޓުން ހިމެނެއެވެ.

މުޅި އިސްލާމީ އުންމަތުގެ މިސާލު ޖައްސަވައިފައިވަނީ، އިންސާނީ ޖިސްމާއި އެ ޖިސްމުގެ ތަފާތު ގުނަންތަކުގެ މިސާލުންނެވެ. މުޅި މުޖްތަމަޢުގެ އެއްބައެއްވަންތަކަމުގެ މި މިސާލު ޢަމަލީ ޙަޔާތުގައި ތަންފީޛުކުރެވިގެން ދިޔުމާއި، އެކަލޭގެފާނުގެ ސުންނަތްތައް ދިރުވުމަކީ، މި އުންމަތުގެ މާތް ނަބިއްޔާގެ ހަނދާންތައް އެންމެ ފުރިހަމަ ގޮތުގައި އައުކުރުމެވެ. އިންސާނިއްޔަތަށް ރަޙުމަތެއް ކަމުގައިވެވަޑައިގެންނެވި ރަސޫލާގެ އުފަންވެވަޑައިގަތުން ވެގެންދަނީ، ހުރިހާ އިންސާނުންނަށް ލިބިގެންދިޔަ ނޫރެއްކަމުގައެވެ. ބާއްޖަވެރި ކަމެއްކަމުގައެވެ.

ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ހަނދު ފެނުމާއެކު ކިޔުން މުސްތަޙައްބު ދުޢާއެއް އޮވެއެވެ. މި ދުޢާއަކީ ޙިޖްރީ ހަނދުމަހުގެ އެންމެ ފުރަތަމަ ހަނދު ފެނުމާއެކު ކިޔުމަށްވެސް އޮންނަ ދުޢާޢެކެވެ.
[اللَّهُ أَكْبَرُ، اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ، وَالسَّلَامَةِ وَالْإِسْلَامِ، وَالتَّوْفِيقِ لِمَا يُحِبُّ رَبُّنَا وَيَرْضَى، رَبُّنَا وَرَبُّكَ اللَّه]
މި ދުޢާއަކީ، ޙިޖްރީ ކޮންމެ މަހެއްގެ ފުރަތަމަ ހަނދު ދެކެވަޑައިގަތުމުން، ކީރިތި ރަސޫލާ ވިދާޅުވާ ދުޢާއެކެވެ. ކޮންމެ ޙިޖްރީ މަހެއްގެ ހަނދު ބެލުމަށް މުސްލިމުންނަށް ހިތްވަރު ދެއްވާފައިވެއެވެ. އެހެނީ، ކޮންމެ ޙިޖްރީ މަހަކާ ގުޅިގެން އަޅުކަމުގެ ގޮތުން މުސްލިމުން ކޮށްއުޅޭ އަޅުކަންތައްތަކެއް ހުރެއެވެ. މިސާލަކަށް، ކޮންމެ ހަނދު މަހެއްގެ އެގާރަ، ބާރަ، އަދި ތޭރަ މި ތިން ދުވަހު ރޯދަހިފުމާއި، [ޢާޝޫރާ] ދުވަހުގެ ނަމުން މަޝްހޫރު، މުޙައްރަމު މަހެއްގެ ދިހަވަނަ ދުވަހު ހިފާ ރޯދަފަދަ އަޅުކަންކަމެވެ.