ދުނިޔެ

ބައްޔާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ: ޔޫރަޕިއަން ކޮމިޝަން


ވިލާތުގެ އިއްތިޛާދަށް ނިސްބަތްވާ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާތީ ބައްޔާއި ދެކޮޅަށް އައު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފިއެވެ.

ފިޔަވަޅުތައް އެޅުމަށް ސަރުކާރުތަކަށް ގޮވާލާ ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހޫނު މޫސުމުގެ މަސްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީފައިވަނީ ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެދެވޭ ގޮތަށް ނާޅާކަމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ ވިލާތުގެ ޤައުމުތަކުގެ ސަރުކާރުތަކުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ތަހުލީލުކުރުމުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށެވެ. އަދި އެއާ އެކުއެކީ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ތަހުލީލުގެ ބޭނުން ހިފާ މިންވަރު އިތުރުކުރުން މުހިންމުކަމަށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑާ ލެޔެންވަނީ ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް ބޭނުންވާ އެންޓިޖެން ތަހުލީލު ގަތުމަށް އެ އިއްތިޙާދުގެ ފަރާތުން 100 މިލިއަން ޔޫރޯ ޚަރަދުކޮށް 22 މިލިއަން އެންޓިޖެން ތަހުލީލު ގަންނާނެކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުންވެސް ޖޮއިންޓު ޕުރޮކިއުމަންޓު ސްކީމެއްގެ ދަށުން އިތުރު ތަހުލީލުތައް ގަތުމަށް ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ސަރުކާރުތަކަށްވަނީ ޔޫރަޕިއަން ކޮމިޝަނުން ވަނީ ބާރު އަޅާފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ހުރިހާ ޤައުމަކުންވެސް އެ ޤައުމުތަކަށް އެތެރެވާ މީހުންނާއި މެދު ޢަމަލުކުރާ ސިޔާސަތު އެއްގޮތަކަށް ބެހެއްޓުމަށް ބާރު އަޅާކަމަށެވެ. އޭގެ ތެރޭގައި ތަހުލީލުކުރުމާއި ކަރަންޓީނުވުމުގެ އުސޫލުތައް އެއްގޮތްކުރުންވެސް ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަނުންވަނީ ވިލާތުގެ ޤައުމުތަކުގައި އަވަހަށް ވެކްސިން ދެވޭނެ އިންތިޒާމުތައް މިހާރުންސުރެ ހަމަޖެއްސުމަށްވެސް ސަރުކާރުތަކަށް ގޮވާލައިފައެވެ. ޞިއްޙީ ސާމާނު ލިބުމުގައި ކުރިއަށް އޮތްތަނުގައި ދިމާވެދާނެ ދަތިތައް ޙައްލުކުރުމަށް ޔޫރަޕިއަން ކޮމިޝަނުންވަނީ ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖާއި ޑިސްއިންފެކްޓަންޓު ފަދަ ތަކެތި ހޯދުމަށް ޖޮއިންޓު ޕްރޮކިއުމަންޓުގެ އުސޫލުގެ ދަށުން މަސައްކަތް ފަށައިފައެވެ. އޭގެ އިތުރުން ޞިއްޙީ ސާމާނު އެތެރެކުރުމުގައި ހިނގާ ކަސްޓަމް ޑިއުޓީގެ ޚަރަދާއި ޓެކްސްވަނީ އަންނަ އޭޕްރިލް މަހާއި ހަމައަށް ކަނޑާލައިފައެވެ. އޭގެ އިތުރުން ކޯވިޑް-19އަށް ތަހުލީލުކުރުމަށް ބޭނުންކުރާ ޓެސްޓު ކިޓާއި ވެކްސިނުންވެސް ޓެކްސް ނުނެގުމަށް ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކަށް ނިންމިދާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ވިލާތުގެ ޤައުމުތަކުގައި މިހާތަނަށް 8.9 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 256،103 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބައްރުން 223،192 މީހުންނަށް ބަލިޖެހި 2،761 މީހުންވަނީ މަރުވެފައެވެ. ބަލީގެ ދެވަނަ ރާޅެއް ވިލާތުގައި ފެތުރި ޙާލަތު ގޯސްވާން ފަށައިފައިވާކަމުގެ އިންޒާރު ކަމާބެހޭ މާހިރުންވަނީ ދީފައެވެ.