ކުޅިވަރު

ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ އިސްތިއުފާ ދެއްވައިފި



އިތުބާރު ނެތްކަމުގެ ވޯޓުނަގަން ނިންމާފައިވަނިކޮށް ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ އިސްތިއުފާ ދެއްވައިފިއެވެ.

ބާޓޮމެއޫ އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ އަންގާރަ ދުވަހުގެރޭ ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުގައެވެ. މިދިޔަ މަހު ވަނީ 20،687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ.

ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް16،520 މީހުންގެ ސޮއި ބޭނުންވާއިރު، މި މަހުގެ ކުރީކޮޅު ބާސާއިން ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ހާމަކޮށްފައެވެ. އަދި ހަފްތާ ބަންދުގަ ވޯޓް ނެގުމަށް ވަނީ ތާވަލު ކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު އޮތް ބާސާގެ ބޯޑު މެންބަރުންގެ ބައްދަލުވުމަށްފަހު ބާޓޮމެއޫ ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފައެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުއަށް ކުލަބު ހިންގުމުގައި އޭނާ ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން ކުރީގެ ކުޅުންތެރިންނާ މިހާރު ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން އަންނަނީ ބާސެލޯނާގެ މެނޭޖްމަންޓް އިސްތިޢުފާ ދޭން ގޮވާލާފައެވެ.

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުލަބުގެ އައު އިންތިޚާބު ކުރިއަށް އޮތް 40 ދުވަހާއި ތިން މަސް ތެރޭގައި ބާއްވަން ޖެހޭނެއެވެ. އެހެންކަމުން ބާސާގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން އަވަސް ކުރާނެކަމަށް ބެލެވެއެވެ. މީގެ ކުރިން ބާސާއިން އިއުލާން ކޮށްފަވަނީ އިންތިޚާބު އަންނަ މާރޗް މަހު ބޭއްވުމަށެވެ.

ބާޓޮމެއޫ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އެނާ އިސްތިއުފާ ދިނުމަށް ސީދާ ހަރަކާތަށް ނުކުމެ އެންމެ ބޮޑު ޕްރެޝަރެއް ދިން ފަރާތަކީ ބާސެލޯނާގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަމަށް އިއުލާން ކޮށްފައިވާ ޖޯޑީއެވެ.