ޚަބަރު

ދިވެހިރާއްޖެ: އ.ދ.ގެ މެމްބަރެއްގެ ގޮތުގައި 50 އަހަރު


އ.ދ.ގެ ޗާޓަރުގެ އަސާސްތަކާއި އުޞޫލްތައް ދެމެހެއްޓުމުގައި ދިވެހިރާއްޖެ އެހެން ޤައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖެއަށް އ.ދ.ގެ މެމްބަރުކަން ލިބުތާ 50 އަހަރު ފާހަގަކުރާ މުނާސަބަތާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ދިވެހިރާއްޖެ އ.ދ.ގެ މެމްބަރަކަށް ވެފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. މި މުނާސަބާއި ގުޅުވައިގެން، އ.ދ.ގެ ލަނޑުދަނޑިތަކާއި، ދުނިޔޭގެ ޞުލްހައާއި އަދި ބައިނަލްއަޤްވާމީ މަޞްރަހުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިންވެފައިވާ ވަޢުދު އައުކުރާކަމަށް މި ބަޔާނުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާއި ފައިދާއަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އ.ދ.ގެ މެމްބަރުކަން ރާއްޖެއަށް ދިނުމަށް އެ ޖަމްޢިއްޔާއިން ނިންމި ނިންމުން ރައީސް ޔާމީން ސިފަކުރައްވާފައިވަނީ ވަރަށް "ބޮޑު ފިޔަވަޅެއްގެ" ގޮތުގައެވެ. އަދި، ބައިނަލްއަޤްވާމީ މަޞްރަހުގައި ރާއްޖޭއަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއްގެ މަޤާމު ލިބިގެންދިޔަ ކަމެއްގެ ގޮތުގައެވެ. އެ ޖަމްޢިއްޔާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު އެކުވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ. އަދި، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ ކުރިންވެސް އ.ދ.ގެ ގޮތްޕަކުން ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަން ފާހަގަކުރައްވާ، ޞިއްހަތާއި ތަޢުލީމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. މި ބަޔާނުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އ.ދ.ގެ ކުރިއެރުމަށް ރާއްޖެއިން ކޮށްދީފައިވާ ކަންތައްތަކާއި، ހޯދައިދީފައިވާ ކުރިއެރުންތަކާމެދު ދިވެހި ރައްޔިތުން އަބަދުމެ ފަޚުރުވެރިވާކަމަށެވެ. މި ގޮތުން، ވަކާލާތު ކުރުމާއި، އަޑު އުފުލުމުގެ ޙައްޤުން މަޙްރޫމްވެފައިވާ އެތަކެއް ބަޔެއްގެ ޙައްޤުގައި ފާއިތުވި 50 އަހަރު ރާއްޖެއިންވަނީ ތެދުވެފައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ ޙައްޤުތައް ދިފާޢުކުރުމުގައި ދިވެހިން އަބަދުމެ ދެމި ތިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖެއަކީ ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ޤައުމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރާއްޖެއިން ހޯދާފައިވާ ބައެއް އެހެން ކާމިޔާބީތަކަށް އަލިއަޅުއްވާލަމުން ރައީސް ޔާމީން ވިދާޅުވީ، ބައިނަލްއަޤްވާމީ މަޞްރަހުގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމާއި، ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކާމެދު ވަކާލާތުކުރަމުންދާ އެންމެ ބާރުގަދަ އެއް އަޑަކީ ދިވެހީންގެ އަޑުކަމަށެވެ. ދުނިޔޭގެ ސަލާމަތާއި، ރައްކާތެރިކަން އަދި ތަރައްޤީއަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާކަމަށްވާ އ.ދ.ގެ މެމްބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބިފައިވަނީ، އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހުންނެވެ.