ޚަބަރު

ނައިފަރުގެ ފެނާއި ނަރުދަމާއާއި ތ.ވޭމަންޑޫ ނަރުދަމާގެ ނުނިމު ހުރި މަސައްކަތްތައް ނިންމަން ހަވާލުކޮށްފި


ޅ.ނައިފަރުގެ ފެނާއި ނަރުދަމާ އާއި، ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޅ.ނައިފަރާއި ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މިހާރު ނުނިމި ހުރި ހުރިހާ މަސައްކަތްތައް ނިންމުން ހިމެނެއެވެ. މީގެތެރޭގައި ނަރުދަމާ ހޮޅި ވަޅުނުލާ ހުރި ސަރަޙައްދުތަކުގައި ހޮޅި ވަޅުލުމާއި، ޕަމްޕް ސްޓޭޝަނާއި ފިނިޝިންގ މަސައްކަތްތަކާއި، ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއި ސީއައުޓްފޯލްގެ ނުނިމިހުރި މަސައްކަތްތައް ހިމެނެއެވެ.

އަދި ނައިފަރުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކުގެ ނުނިމި ހުރި ހުރިހާ މަސައްކަތްތައް ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. މީގެތެރޭގައި ހޮޅި ނާޅާހުރި ސަރަޙައްދުތަކުގައި ހޮޅި ވަޅުލުމާއި، އާރް.އޯ ޕްލާންޓް އިންސްޓޯލް ކުރުމާއި، ގޭގެއަށް ފެން ގުޅައިދިނުން ހިމެނެއެވެ. އަދި މީގެއިތުރުން އިދާރީ މަސައްކަތްތައް ކުރާނެ ތަނެއް ހެދުމާއި އަދި އާރްއޯޕްލާންޓް އިމާރާތް މަރާމާތުކުރުމާއި، ފެން ޓެސްޓުކުރާނެ ވަސީލަތްތަކާއިއެކު ލެބޯޓްރީއެއް ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އައިޑީބީ އާއި، އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޮފިޑް އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.
ނައިފަރުގެ ނަރުދަމާގެ މަސައްކަތަށް 24.2މިލިއަން ރުފިޔާ، ނައިފަރު ފެނުގެ ނިޒާމަށް 13.1 މިލިއަން އަދި ތ.ވޭމަންޑޫ ނަރުދަމާގެ މަސައްކަތަށް 17.1މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

މި މަސައްކަތް 5މަސްތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ.