ޚަބަރު

އުނގޫފާރު ކެފޭ އެއްގެ ކޭޝިއަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


އުނގޫފާރުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހިމް ޒަޔާން ވިދާޅުވީ، އުނގޫފާރުގައި ކޯވިޑް-19ގެ ރެންޑަމް ސާމްޕަލް ނަގާފައިވަނީ، އެރަށާއި ގާތުގައި އޮންނަ ރ ކުޑަކުރަތުގައި މަސައްކަތް ކުރާ ދިނަ އަދަދެއްގެ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ. މިގޮތުން ނެގި ރެންޑަން ސާމްޕަލް ތަކުގެ ތެެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެންމެ ސާމްޕަލެއް ކަމަށާއި ނަތީޖާ ނުލިބޭ ސާމްޕަލްތައްވެސް އަދި އެބަހުރި ކަމަށެވެ.

ޒަޔާން ވިދާޅުވީ، އުނގޫފާރުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެކެވެ. އޭނާ ގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ކުޑަކުރަތުން ކޯވޑަށް ޕޮޒިޓިވްވި މީހުންނާއި އޭނާއާއި ބައްދަލުވެފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.

ރ އުނގޫފާރަކީ، ރ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައި ވުމާއި، އެކު ބޭސްފަރުވާއަށާއިމ ބޭންކުގެ ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ އެހެން ރަށްރަށުން އެރަށަށް ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އައިސް ގޮސްވެއެވެ.

މިއަދު ހަވީރު އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި އެކު އެރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.