ޚަބަރު

ހޯމްމިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ


ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅެއްގެ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގރެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބުނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށާ، މާދަމާ މިމައްސަލަ މަޖިލީހަށް ހުށަހަޅާނެކަމަށެވެ. މިމައްސަލަ ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ސަފާރީ މައްސަލައިގެ އިތުރުން ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާއި ނޫސްވެރިޔާ ރިޟުވާނު ގެއްލުވާލި މައްސަލައާ ގުޅޭގޮތުން އެކިފަހަރު މިނިސްޓަރ އިމްރާން އެކިގޮތަށް ވާހަކަފުޅުދެއްކެވުން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ޖުމުލަ މެމްބަރުންގެ ޢަދަދަކީ 9 މެންބަރުންނެވެ. މިނިސްޓަރ އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، މިނިވަން ބައެއް މެމްބަރުންނާއި، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ތާޢީދުކުރައްވާކަމަށާ، މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނީ އެމެމްބަރުންގެ ސޮޔާއެކުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅެއްގެ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަސް ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ. އެއީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ވާހަކަ ދެކެވެމުން އަންނީ ކަން ހިނގި ގޮތަށްވުރެ ބޮޑުކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވި މައްސަލާގައެވެ.

މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އެމައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ. އަދި އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށެވެ. އަދި އެއީ ރޭޕްކުރުމެއް ނޫންކަމަށާއި، އެކަމުގައި މީޑިއާ އާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.