ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ، މާބަނޑު ދުވަސްވަރާއި ޅަފަތުގައި ކުދިންގެ ދުޅަހެޔޮކަން ވަޒަންކުރުމުގައި ގެންގުޅޭ ގޮތްތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިންވެސް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ ކުދިންކަން ފާހަގަކުރައްވާ ނާއިބް ރައީސް ވިދާޅުވީ އޭގެ ކުރިން ވެސް އެ ކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހޭކަމުގައެވެ. އަދި، މަދަރުސީ ތަޢުލީމު ފެށުމަށްފަހު ވެސް އެ ކުދިންނަށް ބޭނުންވާ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން ވަނީ އެ ވުޒާރާތައް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާއި އަދި މިކަމަށްޓަކައި މިހާރު އެކުލަވާލައްވަމުން ގެންދަވާ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.