ޒުވާނުންގެ އާބާދީގެ 29 އިންސައްތަ ޒުވާނުން ޢާމްދަނީ ހޯދުމަށް މަސައްކަތްކުރުމާއި ތަޢުލީމީގޮތުންވެސް ޙަރަކާތްތެރިނުވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖޭގައި ޒުވާނުންގެ އާބާދީކަމަށް ބަލަނީ ޢުމުރުން 18އަހަރާއި 35 އަހަރާއި ދެމެދުގެ ޢުމުރުފުރާއަށެވެ.
ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 43 އިންސައްތައަކީ ޒުވާނުންނެވެ. އެއީ ޢުމުރުން 18އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރުފުރާގެ 240584 ( ދެލައްކަ ސާޅީސްހާސް ފަސްސަތޭކަ އަށްޑިހަ ހަތަރެކެވެ. އެ އިދާރާއިން ހާމަކޮށްފައިވާ 2019 ވަނަ އަހަރު ގޭބިސީތަކުގެ ޢާމްދަނީއާއި ޚަރަދުކުރިގޮތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިޢުމުރުފުރާގެ 69769 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ފަސްދޮޅަސް ނުވަ) ޒުވާނުން ޢާމްދަނީ ލިބޭފަދަ މަސައްކަތެއް ނުކުރާއިރު ތަޢުލީމު ޙާސިލުކުރުމުގައިވެސް ޙަރަކާތްތެރިނުވެއެވެ. އެއީ މިއުމުރުފުރާގެ އާބާދީގެ 29 އިންސައްތަ ޒުވާނުންނެވެ. މީގެތެރޭގައި ހިމެނެނީ އާބާދީގެ ކޮންމެ 100 އަންހެނުންގެ ތެރެއިން 41 އަންހެނުންނާއި އާބާދީގެ ކޮންމެ 100 ފިރިހެނުންގެ ތެރެއިން 15 ފިރިހެނުންނެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސްޓެޓިސްޓީޝިއަން ޢައިޝަތު ޙަސަން ވިދާޅުވީ ޢުމުރުން 22 އަހަރުން މަތީގެ އަންހެނުން ވަޒީފާއަށް ނުވަތަ ތަޢުލީމު ޙާސިލުކުރާކަން ފާހަގަނުވަނީ އެއީ ރާއްޖޭގައި ޢާއްމުގޮތެއްގައި އަންހެނުން ވިހާ އުޅޭ ޢުމުރަށްވުމުން ކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން ޒުވާނުންގެ ތެރެއިން ވަޒީފާއަށް ނުދާ އަދި ތަޢުލީމީ ގޮތުން ޙަރަކާތްތެރި ނޫން އަންހެނުންނަކީ ޢާމްދަނީ ނުލިބޭ ޢާއިލީ ޒިންމާތަކުގައި ހަރަކާތްތެރިވާ އަންހެނުންކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރޭގައިވެސް މަތީ ތަޢުލީމު ވަގުތުން ނުފަށާ ދަރިވަރުންނާއި ވަޒީފާއަށް ނުގޮސްތިބޭ ކުދިންވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ތަފާސް ހިސާބަށްބަލާއިރު ރާއްޖޭގައި އޮތީ ލިޔަންކިޔަން ދަންނަ ޒުވާން ޖީލެކެވެ. އަދި ރާއްޖޭގައި އޮތް ސިވިލް ސަރވިސްގެވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ޒުވާނުންގެއެވެ. އެގޮތުން ޢުމުރުން 15 އަހަރާއި 34 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ 11671 (އެގާރަހާސް ހަސަތޭކަ ހަތްދިހަ އެއް) ޒުވާނުން ސިވިލް ސަރވިސްގައި މަސައްކަތްކުރެއެވެ. މިޢުމުރުގެ މީހުންގެ ވަޒީފާގެ ދާއިރާތަކަށް ބަލާއިރު އެންމެ ގިނަ ޒުވާނުން ޙަރަކާތްތެރިވަނީ ކޭޝިއަރުންނާއި ޓިކެޓް ކްލާރކުންގެ ގޮތުގައެވެ. ރާއްޖެއަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ މަސައްކަތްތެރި ޒުވާނުން ތިބި ޤައުމަކަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ތަޢުލީމީގޮތުންނާއި ވަޒީފާގެ ގޮތުންވެސް ފަހި ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.