ކުޅިވަރު

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ނަސްރުﷲ 60ވަނަ މެރަތަން ފުރިހަމަކޮށްފި



މޮސްކޯ ރަން ވާޗުއަލްކޮށް ދުވެ، އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގޭގެ ނަސްރުﷲ އަހުމަދު 60ވަނަ މެރަތަން ފިރިހަމަކޮށްފިއެވެ.

ރާއްޖޭގައި އެންމެ ގިނަ ފުލް މެރަތަން ރޮކޯޑްވެސް އޮންނަ ނަސްރުގެ 60 ވަނަ މެރަތަން އޭނާ ފުރިހަމަކޮށްފައިވަނީ ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްއިން ފެށި މިދުވުން ނަސްރު ނިންމާލާފައިވަނީ 3 ގަޑި 40 މިނެޓް 16 ސިކުންތުންނެވެ. އެއީ 42.2 ކިލޯމިޓަރެވެ. 60ވަނަ މެރަތަން ނަސްރު ފުރިހަމަކޮށްފައިވާއިރު، 59ވަނަ މެރަތަންވެސް ރަސްރު ދުވެފައިވަނީވެސް މިމަހުގެ ތެރޭގައެވެ. 59ވަނަ ފުލް މެރަތަން ނަސްރު ނިންމާލާފައިވަނީ 3 ގަޑި 48 މިނެޓް 9 ސިކުންތުންނެވެ.

ނަސްރުގެ 58ވަނަ މެރަތަންއަކީ މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމެވެ. ކޮވިޑްގެ ހާލަތާއިި ގުޅިގެން ގިނަ ދުވުންތައް މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބައްވަނީ ވާޗުއަލްކޮށެވެ. ހުޅުމާލޭގައި ކުރިއަށްދިޔަ މި ދުވުން ނަސްރު ފުރިހަމަކޮށްފައިވަނީ 3 ގަޑި 39 މިނެޓުންނެވެ.

ނަސްރުގެ މިހާރުގެ ޓާގެޓަކީ އޭޝިއާގެ ރެކޯޑެއް ހެދުންކަމަށް އޭނާ ބުންޏެވެ. އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100 އާއި 150 އާ ދޭތެރޭގައެވެ.