ޚަބަރު

ދިވެހިރާއްޖެ އ.ދ.އާއި ގުޅުނުތާ 50 އަހަރު ފުރިއްޖެ


ދިވެހިރާއްޖެ އ.ދ.ގެ މެމްބަރެއްގެ ގޮތުގައި ހޭދަކޮށްފައި މިވާ 50 އަހަރަކީ ވަރަށް ކާމިޔާބު އަހަރުތަކެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ސިފަކުރައްވައިފިއެވެ. ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ދުންޔާ ވިދާޅުވީ، ދިވެހިރާއްޖެ އ.ދ.ގެ މެމްބަރެއްގެ ގޮތުގައި ހޭދަކޮށްފައި މިވާ 50 އަހަރަކީ ޞުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމާއި، އަދި އ.ދ.ގެ ޗާޓަރުގައިވާ އަސާސްތަކާއި އުޞޫލްތަކުގެ މަތީގައި ރާއްޖެއިން ފުރިހަމައަށް ފައިސާބިތުކުރުންމަތީ ދެމި އޮންނާނެކަން ސާބިތުކޮށްދޭ އަހަރުތަކެއްކަމަށެވެ. އަދި، މިއީ ޤައުމުގެ ތަރައްޤީއަށްޓަކައި މުހިއްމު ގުޅުންތަކެއް ޤާއިމްވެގެންދިޔަ 50 އަހަރުކަމަށެވެ. މި ބަޔާނުގައި އެކަނަމާވަނީ، މި އުފާވެރި މުނާސަބަތުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައެވެ. ދިވެހިރާއްޖެއަށް އ.ދ.ގެ މެމްބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965ގައެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން އަދި ތަރައްޤީއަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާކަމަށްވާ އ.ދ.ގެ މެމްބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބިފައިވަނީ، އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހުންނެވެ. މި ކަން ދުންޔާ ސިފަ ކުރައްވާފައިވަނީ، މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި މިހާތަނަށް އަޅާފައިވާ އެންމެ މުހިއްމު، އަދި އެންމެ ކާމިޔާބު ފިޔަވަޅުގެ ގޮތުގައެވެ. އަދި މި ފިޔަވަޅާއެކު ރާއްޖެއިންވަނީ، މި ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށާއި، ދިވެހި ކޮންމެ ރައްޔިތަކީ މިނިވަން އަދި އެ މީހެއްގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ ހަމަހަމަ ފުރުޞަތު ލިބިފައިވާ މީސްތަކެއް ދިރިއުޅޭ ޤައުމަކަށް ހެދުމަށް ޢަޒުމް ކަނޑައަޅާފައިކަމަށް ދުންޔާ ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މަޞްރަހުގައި އަދި އ.ދ.ގައި ރާއްޖެއިން މުހިއްމު ކަންތައްތަކެއް ތަޢާރަފްކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް މި ބަޔާނުގައި ދުންޔާ ފާހަގަކުރެއްވިއެވެ. މި ގޮތުން، ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، ތިމާވެށީގެ ދާއިރާ، އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކޮށްފައިވާ މުހިއްމު މަސައްކަތްތައް ދުންޔާ ފާހަގަކުރެއްވިއެވެ. އ.ދ.ގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ކައުންސިލް ޔޫ.އެން.އެޗް.އާރް.ސީ.ގެ މެމްބަރެއްގެ ގޮތުން ރާއްޖެއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ރާއްޖެއިން މިހާރު ފައިތިލަ ސާބިތުކުރަމުންދާކަމަށެވެ. އަދި ރާއްޖެއިން މިކަންތައްތަކާއި މިކުރިއެރުންތައް ޙާޞިލްކޮށްފައި މިވަނީ ރާއްޖޭގެ އެންމެ މުހިއްމު އަޞާޞްތައްކަމަށްވާ އިސްލާމް ދީނާއި ޤައުމުގެ ޘަޤާފަތާއި އާދަކާދައަށް ކުޑަ ނަމަވެސް ބުރުލެއް ނާރާނެފަދަ ގޮތަކަށްކަމަށް މި ބަޔާނުގައި ދުންޔާ ފާހަގަކުރެއްވިއެވެ.