ދުނިޔެ

ސްނޯޑެނަށް ރަޝިޔާގެ ރައްޔިތަކަށްވުމުގެ ފުރުޞަތު


އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މައި އިދާރާގެ ލިޔެކިޔުންތަކެއް އާންމުކުރުމަށްފަހު ޤައުމު ދޫކޮށް ރަޝިޔާގައި މިހާރު ދިރިއުޅެމުންދާ އެ އިދާރާގެ ކުރީގެ ކޮންޓްރެކްޓަރ އެޑްވަޑް ސްނޯޑެންއަށް ރަޝިޔާއިން ދާއިމީ ރަށްވެހިކަން ހޯދުމުގެ ހައްޤު ލިބިފައިވާކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

ޔޫއެސް ނޭޝަނަލް ސެކިއުރިޓީ އޭޖެންސީން ހިންގާފައިވާ ގިނަ ޢަދަދެއްގެ އޮޕަރޭޝަންތަކާއި ގުޅޭ ސިއްރު މަޢުލޫމާތު އާންމުކޮށްލުމަށްފަހު އެމެރިކާ ދޫކޮށް ގޮސްފައިވާ އުމުރުން 37 އަހަރުގެ ސްނޯޑެންއަށް ރަޝިޔާއިން ހިމާޔަތް ދިނީ 2013ވަނަ އަހަރުގެ ތެރޭގައެވެ. ޤައުމު ދޫކޮށް އޭނާ ދިޔަ ހިސާބުން ފެށިގެން އެމެރިކާއިން ދަނީ އޭނާ އެނބުރި ޤައުމަށް ގެނެސް އޭނާއާ ދެކޮޅަށް ޖިނާޢީ ދަޢުވާކުރުމަށް މަސައްކަތްކުރަމުންނެވެ.

ސްނޯޑެންގެ ވަކީލު، ރަޝިޔާގެ އެނެޓޯލީ ކުޝެރީނާ ބުނީ ސްނޯޑެންގެ ރެސިޑެންސީ ޙުއްދައިގެ މުއްދަތު ހަމަވާން ކައިރިވުމުން އޭގެ މުއްދަތު އިތުރުކޮށްދިނުމަށް ރަޝިޔާގެ ކަމާއިބެހޭ އިދާރާތަކުގައި އެދުނުކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ހުށަހެޅި އެދުމަށް ޖަވާބެއް ނުލިބި ދިގުލައިގެން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. ދާއިމީ ރަށްވެހިކަމަށް އެދުމުގެ ޙައްޤު ލިބުމުގެ ޙުއްދަ މިހާރު ލިބިފައިވާކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ރަޝިޔާގެ ޕާސްޕޯޓަކަށް އެދުމާއި މެދު އަދި ސްނޯޑެން ވިސްނަމުން ނުދާކަމަށް އޭނާ ބުންޏެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ ސްނޯޑެންއަށް މަޢާފުކުރުމާއި މެދު ވިސްނަވަމުންދާކަމަށް ވިދާޅުވެފައެވެ.