ސިއްހަތު

އައިޖީއެމްއެޗުގެ އެމްއާރުއައި ސެންޓަރ ނޮވެންބަރ 11 ގައި ހުޅުވަނީ


އައިޖީއެމްއެޗްގައި ޤާއިމްކުރާ އެމްއާރުއައި ސެންޓަރުގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތުދިންގޮތުގައި މިހާރު ކުރިއަށްދަނީ، އެމްއާރުއައި ސެންޓަރުގައި ޚިދުމަތްދިނުމަށްޓަކާ ގެނެސްފައިވާ
އެމްއާރުއައި މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އަދި މެޝިން ޓެސްޓްކުރުމާ އެމްއާރުއައިސެންޓަރުގެ އެހެނިހެން މަސައްކަތްތައްވެސް
އޮކްޓޫބަރުގެ ނިޔަލަށް ނިންމާލެވޭވަރުވާނެކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ޚިދުމަތްތައް
ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގައި
އެމްއާރުއައިގެ ޚިދުމަތް ތަޢާރަފްކުރުމަށްޓަކާ ބަހައްޓާ މިމެޝިނަކީ އެސްޓީއޯ
މެދުވެރިކޮށް ރާއްޖެގެނެސް އިންސްޓޯލްކުރެވޭ މެޝިނެކެވެ. މިމެޝިނާއިބެހޭ ގޮތުން
މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަހީރު ވިދާޅުވީ
މިމެޝިނަނީ އެންމެފަހުގެ މޮޑެއްލްގެ ވަރަށް ފެންވަރު ރަނގަޅު މެޝިނެއްކަމަށެވެ.



"އަޅުގަނޑުމެން މި
މެޝިނު މިިގެނައީ ޖީއީ ކިޔާ ކުންފުންޏަކުން.. ޖީއީ އަކީ ދުނިޔޭގެ އެމްއާރުއައި
މެޝިންހަދާ އެންމެ މަޝްހޫރު އެއްކުންފުނި..އެއީ ޔޫއެސް ކުންފުންޏެެއް"
ސަހީރު ވިދާޅުވިއެވެ.



އައިޖީއެމްއެޗުން
ބުނީ މިމެޝިނަކީ ހަށިގަނޑުގެ ކޮންމެ ހިސާބެއްވެސް ސްކޭންކޮށްލެވޭގޮތަށް ޑިޒައިންކޮށްފައިވާ މެޝިނެއްކަމަށެވެ. އަދި މީގެ ކުރީގެ މޮޑެލްތަކާއި އަޅާބަލާއިރު މި
މެޝިނަކީ ކުޑަޖާގައެއްގައި ބެހެއްޓޭ، ކަރަންޓް ޚަރަދުކުޑަ، އަޑުމަޑު މެޝިނެއްކަމަށެވެ.

މީގެ އިތުރުން މި މެޝިނަކީ، ސްކޭންކުރާއިރު
ބަލިމީހާ ހަރަކާތްކުރިކަމުގައިވިޔަސް ހަދާ ސްކޭންގެ އިމޭޖްގެ ކޮލިޓީރަނގަޅުކޮށްދޭ
ފީޗާއެއް ހިމެނޭޭ، އަދި މުޅި ހަށިގަނޑުގެ ލޭހޮޅިތައްވެސް ސްކޭންކުރެވޭފަދަ
ފެންވަރު ރަނގަޅު މެޝިނެއްކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.