ޚަބަރު

އީދު ބަންދަށްފަހު ހުރިހާ އޮއިވާލި ކަނދުފައްޗެއް ހަރުކޮށް ނިންމަނީ


ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަނޑައިގެން ގޮސްފައިވާ ހުރިހާ ކަނދުފައްޗެއް އީދު ބަންދަށްފަހު ހަރުކޮށް ނިމޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ޕީއެސްއެމް އަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމިނިސްޓްރީން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ތަކުގެ ތެރެއިން މިހާތަނަށް ހަރުނުކުރެވި ވަނީ 3 ކަނދުފައްޗެއްކަމަށެވެ. އެއީ މ. އަތޮޅު "ދިއްތުނޑީ ބޮޔާއި" ފުވައްމުލައް ބޭރުގައި އަޅާފައިވާ ކަނދުފަތީގެ އިތުރުން އައްޑޫ ސިޓީން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެވެ.މީގެތެރެއިން މ. އަތޮޅު "ދިއްތުނޑީ ބޮއި" ހަރުކުރުމަށް މިހާރު ދަތުރު ފަށާފައިވާކަމަށާއި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި މަސައްކަތައް ހުރަސްއެޅިފައިވާކަމަށް ޝަޒައިލް ވިދާޅުވިއެވެ. އަދި މޫސުން ތަން ދިންހާ އަވަހަކަށް އެކަނދުފަތި ހަރުކުރެވިގެންދާނެ ކަމަށާއި އަދި އީދު ބަންދަށްފަހު އައްޑޫސިޓީއާއި ފުވައްމުލަކުން ކަނޑައިގެން ގޮސްފައިވާ 2 ކަނދުފަތިވެސް ހަރުކޮށް ނިންމެނޭނެ ކަމަށް ޝަޒައިލް ވިދާޅުވިއެވެ.މީގެއިތުރުން އއ. މާޅޮސް ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި މިދިޔަ ހަފްތާގައި ހަރުކޮށްފައިވާކަމަށްވެސް ޝަޒައިލް ވިދާޅުވިއެވެ. އޮއިވާލި ކަނދުފައްޗަކީ މަސްވެރިކަމަށް މުހިންމު ވަސީލަތަކަށް ވާތީ ކަނދުފައްޗެއް ކަނޑައިގެން ދިއުމުން ގިނަވެގެން ދޮޅު މަސް ދުވަހުގެ ތެރޭގައި އެކަނދުފައްޗެއް ހަރުކޮށް ނިންމަވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވެސް ވަނީ ވިދާޅުވެފައެވެ. އަދި ކަނދުފަތި ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ދުރާލައި ގެނެސްފައިވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.