ޚަބަރު

ޕީޖީ ފާހަގަކުރެއްވި ކަންކަން އޭސީސީން ބަލައި މުރާޖައާ ކުރަނީ


ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ދަޢުވާ ނުކުރަން ނިންމައި ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

75 ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލައިގައި ދައުވާކޮށްދިނުމަށް ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އެމައްސަލަ އަނބުރާ ފޮނުވާލައި، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ވެންޓިލޭޓަރ ހޯދުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފިނޭންސް މިނިސްޓްރީން ހެލްތް މިނިސްޓްރީއަށް ޚާއްޞަ ހުއްދައެއް ދެއްވާފައިވާކަން ފާހަގަކޮށްފައިވާތީ، ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަން ހާމަކޮށް އޭސީސީން ވިދާޅުވީ، ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށާއި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕީޖީ ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާކަމަށެވެ.

އޭސީސީން ވިދާޅުވީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު ޚާއްސަ ހުއްދައިގެ ދަށުން ދައުލަތުގެ އޮފީސްތަކަށާއި، މުޢައްސަސާތަކަށް ތަކެތި ގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތްތައް ކުރުވުމުގައި، މާލިއްޔަތު ޤަވާއިދަށް ޢަމަލުކުރުން ލާޒިމުނުވާ ހާލަތުކަމަށް ބަޔާންކޮށްފައި ވަނީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަޙަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓްރީން އަންގާގޮތަށް ދަޢުލަތުގެ ފައިސާ ޚަރަދުކުރެވިދާނެތީކަމަށެވެ.

ކޯވިޑް--19އާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން، އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލަށް ޢަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއްކަން އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަމަށް އޭސީސީން ވިދާޅުވިއެވެ.

75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 20 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލާފާދެއްވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އެހެން ނަމަވެސް ހެލްތު މިނިސްޓްރީން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު، އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރުގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގެކަމަށާއި، ހެލްތް މިނިސްޓްރީއަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާއި ގުޅިގެން ދީފައިވާ ހުއްދަތަކެއްކަން އެކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ.

އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރުން ލާޒިމް ނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫންކަމަށާއި، އެމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައި ވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީކަމަށް އޭސީސީން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙުޤީޤުން ފެންނަން ނެތްކަމަށާއި، އެކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.