ކުޅިވަރު

ޕްރިމިއަރ ލީގު: ވެސްޓޭހުމް ފަހު ވަގުތު ޓޮޓެންހަމް މޮޅުވިޔަނުދީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވެސްޓްހޭމުން ޓޮޓެންހަމް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ޓޮޓެންހަމުން ޖެހި 3 ލަނޑު ކާމިޔާބުކޮށްފައިވަނި މެޗު ފަށައިގެން 16 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗު ފަށައިގެން މިނެޓެއްވެސް ނުވަނީސް ޓޮޓެންހަމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ހެރީ ކޭންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސޮން ހުއެން މިންއެވެ. ސޮން މި ލަނޑު ކާމިޔާބުކުރިތާ 7 މިނެޓު ފަހުން ހެރީން ކޭން ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ކޭން ޖެހީ ސޮން ދިން ޕާހަކުންނެވެ. ޓޮޓެންހަމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ހެރީ ކޭންއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސްޓްހޭމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޓޮޓެންހަމަށް ބާރުބޮޑުކޮށްފައެވެ. އަދި ޓޮޓެންހަމުން ވަނީ ދެވަނަ ހާފުގައި އިތުރަށް ލަނޑު ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ކޭންއަށް ވަނީ ހެޓްރިކް ހެދުމަށް ރަނުގެ ފުރުޞަތެއް ލިބިފައެވެ. ނަމަވެސް ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ކޭން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ބަދަލުވި ގެރެތް ބޭލް ވަނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ. އެގޮތުން ބޭލް ކުޅެންއަރައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ވެސްޓްހޭމުން ޖެހި 3 ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު 8 މިނެޓުގެ ތެރޭގައެވެ. އެގޮތުން ވެސްޓްހޭމްގެ ފުރަތަމަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފަބިއަން ބަލްބުއެނާއެވެ. މި ލަނޑު ކާމިޔާބުކުރިތާ ތިން މިނެޓު ފަހުން ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ 2-3 އަކަށް ބަދަލުވިއެވެ. ބައިކޮޅަށް މި ލަނޑު ވަނުމާއެކު ވެސްޓްހޭމުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި މަނުއެލް ލަންޒީނީ ޖެހި ހިތްގައިމު ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވެން ދިޔައެވެ. މި ލަނޑަށް ފަހު ވެސްޓްހޭމްގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ހޯދި 8 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 5 ވަނައިގައެވެ. ވެސްޓްހޭމަށް 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ 8 ވަނައިގައެވެ.