ކޮލަމް

އާދަމް ލަތީފް ކައިރިން ދަސްކުރަންވީ ފަސްކަމެއް

އެއްދާއިރާއެއްގައި މީހަކު ދެމިހުރުމަކީ ދާއިރާ ދެނެގަތުމާއެކު ދާއިރާގެ ތަޖްރިބާކާރަކަށް އެމީހަކު ވާނެކަމެކެވެ. ބުނެއުޅެއެވެ. މީހަކު ވަކި ދާއިރާއަކާ ބެހޭގޮތުން ކޮންމެ ދުވަހަކު އެންމެ ގަޑިއިރެއް އެދާއިރާ ދަސްކުރުމަށް ހޭދަކޮށްފިނަމަ، ފަސްއަހަރުތެރޭ އެމީހަކީ އެ ދާއިރާގެ އެކްސްޕާރޓެއް ކަމުގައި ވެދެއެވެ. އަދި އެގޮތަށް މީހަކު ދިހަ ހާސްގަޑިއިރު އެއްކަމެއްގައި ހޭދަކޮށްފިކަމުގައިވާނަމަ އެމީހަކީ އެދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ މީހެއް ނޫނީ ފަރާތެއްކަމުގައި ވެދާނެއެވެ.
މިގޮތުން މިޔުޒިކް ބޭންޑެއްކަމުގައިވާ ބީޓްލްސް އާއި މައިކްރޯސޮފްޓް އުފެއްދުމުގެ ބާނީކަމުގައިވާ ބިލްގޭޓްސްއަކީ ދުނިޔެއަށް އެބޭފުޅުން ތަޢާރަފްވުމުގެ ކުރީގައި އެބޭފުޅުން އެދާއިރާތަކުގައި ދިހަހާސްގަޑިއިރަށްވުރެ ގިނަ ވަޤުތު އެދާއިރާގެ މަސައްކަތުގައި ހޭދަކޮށްފައިވާ މީހުންކަމަށް ޤަބޫލްކުރެވެއެވެ.

ޕީއެސްއެމްއިން މިދިޔަމަހު ރިޓަޔަރކުރެއްވި އަދި އެންމެ ފުރަތަމަ ކުންފުނީގެ ރިޓަޔަރމަންޓް ޕެކޭޖް ލިބިވަޑައިގެން ރިޓަޔަރކުރެއްވި ބޭފުޅެއްގެ ޝަރަފް ލިބިވަޑައިގަންނަވާ ބޭފުޅަކީ ކުންފުންޏަށް 40އަހަރުގެ ދިގުމުއްދަތުގައި ޚިދުމަތްކޮށްދެއްވާފައިވާ އާދަމް ލަތީފްއެވެ. އަދި ދިވެހިދައުލަތަށް 45 އަހަރު މެދުކެނޑުމެއް ނެތި އޭނާ ވަނީ ހިދުމަތް ކޮށްދެއްވާފައެވެ. އާދަމް ލަޠީފް މިހާގިނަދުވަހު އެއްދާއިރާއެއްގައި އެއްތަނެއްގައި މަސައްކަތް ކުރައްވާފައިވާތީ އެދާއިރާއިން އޭނައަށް ވަރަށް ގިނަ ތަޖްރިބާތަކާއި ވަރަށް ގިނަ ފިލާވަޅުތަކެއް، އަދި އެހެން ބޭފުޅުންނާއި ހިއްސާ ކުރަން ހެޔޮ ދަރުސްތަކެއް ލިބިވަޑައިގެންފައި ހުންނާނެކަން ޔަޤީނެވެ.
އާދަމް ލަތީފް އަކީ ވަރަށް އިޚްލާސްތެރިކަމާއެކު ޕީއެސްއެމްއަށް މަސައްކަތްކޮށްދެއްވި ބޭފުޅެކެވެ. އާދަމް ލަތީފް މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމުގައި ބޭނުންކުރެއްވި ޙިކުމަތްތަކާއި އަދި ގެންގުޅުއްވި ހަރުދަނާ އުޞޫލުތަކެއް ހުންނާނެއެވެ. އެހެންކަމުން އަޅުގަޑުމެންނަށް ފިލާވަޅުތަކެއް ހޯދިދާނެ އަދި ދަސްކުރެވިދާނެ މިންގަޑުތަކެއް އޭނާގެ ކިބާގައި ހުންނާނެއެވެ. އަޅުގަޑަށް އާދަމް ލަތީފްގެ ކިބައިން ފާހަގަވީ ބައެއް ކަންތައްތައް އެބަހުއްޓެވެ.

ކުރާހިތްވާ ކަމެއް ކުރުމަށް ކުރިމަތިލުން؛

އާދަމް ލަތީފްގެ ވަޒީފާގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ އިލެކްޓްރޯނިކްސް ދާއިރާއަކުންނޫނެވެ. އެހެންނަމަވެސް އިލެކްޓްރޯނިކްސް މަސައްކަތަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އިލެކްޓްރޯނިކްސް ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދެއްވުމުގެ ތެރޭގައި އޭރު ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފެއްޓުމަށް ތައްޔާރުވަމުން ދިޔައިރު، ޓީވީއެމްއިން ވާޒީފާގެ ފުރުޞަތެއް ހޯދުމަށް އާދަމް ބޭނުންފުޅުވިއެވެ. ދެން އާދަމް ލަޠީފް ޓެލެވިޜަން މޯލްޑިވްސްގެ ތެރެއަށް މެހްމާނެއްގެ ގޮތުން ވަދެވަޑައިގެން މަސައްކަތް ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވިއެވެ. އަދި ފަހުން ޓެލެވިޜަން މޯލްޑިވްސް ވުޖޫދުކުރެވިގެން މަސައްކަތް ފެއްޓުމުން ވަޒީފާގެ ޖާގައެއް ހޯއްދެވިއެވެ.

ވަޒީފާގެ ފުރުޞަތު ލިބިވަޑައިގަތުމުން އިލެކްޓްރޯނިކްސް ދާއިރާއިން އެކިއެކި މަސައްކަތްކުރައްވަމުން ގެންދެވީއެވެ. އަދި އާދަމް ލަތީފް މައުލޫމާތު ދެއްވިގޮތުގައި ޓެލެވިޜަން މޯލްޑިވްސްގެ ކަޓް ސުވިޗްއެއް ތައްޔާރު ކުރެއްވުމަށް ނީލަމުންނާއި އެކިތަންތަނުން އެއްޗެހި ހޯދަވައިގެން އަމިއްލަ ޚަރަދުކުރައްވައިގެން ހެދެވީކަމަށް އޭނާ ވިދާޅުވިއެވެ. ކަޓް ސުވިޗަކީ މަންޒަރު ލައިވްކުރާއިރު އެއްކެމެރާއިން އަނެއް ކެމެރާއަށް މަންޒަރު ބަދަލުކުރާއިރު ބޭނުންކުރާ ސުވިޗެކެވެ.
މިއިން އަޅުގަޑުމެނަށް ލިބޭ ފިލާވަޅަކީ މިހާ ގިނަދުވަހު އާދަމް ލަތީފަށް ވަޒީފާގައި ހުންނެވުވުނީ ކުރާހިތުން ކުރާހިތްވާ މަސައްކަތެއް ކުރެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނެވުމުގެ ސަބަބުން ކަމެވެ. އާދޭހެވެ. އިލެކްޓްރޯނިކްސް އަށް ހުރި ލޯތްބެއްގެ ބޮޑުކަމުން އެވަޒިފާގައި ދެމިހުންނެވުމަށް މަގުފަހިވީއެވެ. ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުމެ ވަޑައިގަންނަވަނީ ކުރައްވާހިތްޕުޅުވާ ކަމެއް ކުރައްވަން ދަސްކުރައްވާ ހިތްޕުޅުވާ ކަމެއް ދަސްކުރައްވަން ކަމަށްވީތީއެވެ. އެހެންވީމަ ކޮންމެ ދުވަހަކީވެސް ކުރައްވާ ހިތްޕުޅުވާ މަސައްކަތެއް ކުރައްވަން ނުކުމެވަޑައިގަތްދުވަހެވެ. ކުރާހިތްވާކެމެއް ކުރުމަށް ވަޒީފާއަށް ނިކުންނަ މީހަކު ވަޒީފާ އަދާކުރާނީ އަމިއްލަ ޝައުގުގައެވެ. އޮފީހަށް ނިކުންނަ އެއްވެސް ދުވަހަކީ އެފަދަމީހަކަށް ބުރަ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކީވެސް އޭނަ ކުރާހިތުން ކުރާހިތްވާކަމެއްކުރަން ވެގެން ނިކުތް ދުވަހެކަށްވާނެއެވެ.

މީހުންނަށް އުނގަނައިދިނުން

އާދަމް އިލެކްޓްރޯނިކްސް މަސައްކަތް ދަސްކުރެއްވީ އެކި އެކި ބޭފުޅުންގެ އަރިއަހުންނާއި ކުރު ކޯސްތައް ހައްދަވައިގެންނާއި އަމިއްލަފުޅަށް ދިރާސާކުރައްވާގެންނެވެ. މިދާއިރާގެ މައުލޫމާތު ހޯދެއްވުމަށް ވަރަށް ގިނަ ފޮތްވިދާޅުވާކަމަށް ވެއެވެ. ތަނުގައި ބޭނުންކުރާ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް އެތަކެއްޗާއި ގުޅޭ ފޮތްތަށް ދިރާސާކުރައްވައި މައުލޫމާތު އެއްކުރައްވައެވެ. އާދަމްގެ އިލެކްޓްރޯނިކްސްގެ މައުލޫމާތާއި އިލްމު އިލެކްޓްރޯނިކްސް އިންޖިނޭރަކަށްވުރެ ދެރައެއް ނުވާނެއެވެ. އާދަމް ލަތީފުގެ ޚާއްސަ ސިފައަކީ ދަސްވެފައި ހުރި އެއްޗެއް އެހެން މީހުންނަށް އުނގަންނައި ދެއްވުމަށް ހުންނަ ޝައުޤުވެރިކަމެވެ. އަދި ޓިވީއެމްގެ ރިޕެއަރ ޔުނިޓްގައި މަސައްކަތްކުރަމުންގެންދާ ވަރަށް ގިނަ މުއައްޒަފުންނަކީ އާދަމް ލަތީފް އަރިހުން ވަރަށް ގިނަ މަސައްކަތްތަކެއް ދަސްކޮށްފައި ތިބި ދަރިވަރުންނެވެ.

އަނެކުންނަށް އެއްޗެއް ކިޔައިދިނުމަކީ ކިޔައިދޭފަރާތަށް އިތުރަށް މުތާލިއާ ކުރުވޭކަމެކެވެ. ދަސްވެފައި ހުންނަ އެއްޗެއް އިތުރަށް އެކަން ދަސްވެގެން އަންނަކަމެކެވެ. އެހެންވީމައި އަނެކުންނަށް އުނގަންނައި ދިނުމަށް އާދަން ފަދައިން ފަސްނުޖެހެމާ ތޯއެވެ.
އެއްޗެއް މަރާމާތުކުރުމުގައި ގޮންޖެހުންތަށް ދިމާވެގެން އުޅޭ ދަނޑިވަޅުތަކުގައި މުއައްޒަފުންގެ ހިތްވަރު ވަރުގަދަ ކޮށްލުމަށް އާދަން ނަސޭހަތް ދެއްވަމުން ވިދާޅުވަނީ؛ 'މިތަކެއްޗަކީވެސް އަހަރެމެން ކަހަލަ މީހުން ހަދާފައި ހުރި އެއްޗިއްސެވެ. ތަންކޮޅެއް ގިނައިރު މަސައްކަތްކޮށްލަން ޖެހުނަސް، އަޅުގަޑުމެނަށްވެސް މިތަކެތި ހެދޭނެއެވެ'.

މީހުންނާއި ގުޅިގެން މަސައްކަތްކުރުން

އާދަމް ލަތީފް އަކީ އެކި ފަންތީގެ މީހުންނާއެކީގައި ގުޅިގެން މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. މީހުންނާއެކީ އުޅުއްވާއިރު މީހުން ދެނެވަޑައިގެން މީހުންނާ މެދު ޝައުޤުވެރިކަން ބަހައްޓަވައިގެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އާދަމް ލަތީފަކީ މީހަކު ސަޔަކަށް އެދިއްޖެނަމަ އެކަމަށް އިޖާބަދެއްވާ ބޭފުޅެކެވެ. ކޮފީއެއް ނިންމާފައި އެނބުރި ވަޑައިގެންނަވާ ތަނުން ދައުވަތެއް ލިބިވަޑައިގެންފިނަމަވެސް ވަރަށް ގިނަ ފަހަރު ދައުވަތު ބަލައިގެންނަވާނެއެވެ.
މުއައްޒަފުންކައިރީ އާދަން ވިދާޅުވާ ނަސޭހަތުގެ ބަހެއް ފާހަގަކޮށްލާނަމެވެ. 'މިތަނަށް ވަޒީފާއަށް ވަދެ މިތިބީ އަޅުގަޑުމެން އަމިއްލަ އިހްތިޔާރުގައެވެ. މިތަނުން ބުނެގެން ވަދެތިބި ވަޒީފާއެއް ނޯންނާނެއެވެ. އެހެންވީމައި ވަޒީފާ އަދާކުރަންވާނީ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކުއެވެ'.

އިތުބާރު ހޯދުން

އާދަމް ލަތީފަކީ މުއައްޒަފުނާއި މެނޭޖްމަންޓާއެކީ ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އާދަން ގެ ޚިދުމަތުގެ ދިގުމުއްދަތުގައި މަސައްކަތެއް ނުކުރުމަށް ނުނީ އުޒުރުކުރުމަތިކޮށް ކަމެއް ނުކުރުމަށް އުޅުއްވި އިހްސާސެއް އެއްވެސްގޮތަކަށް ނުދައްކަވައެވެ. އާދަމް ލަތީފަކީ މެނޭޖްމަންޓާއި ގުޅިގެން އަދި އެވަގުތަކު ތަން ހިންގުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ ނޭދެވޭ ވާހަކައެއްވެސް ނުވަތަ ޚުޝާމަދުގެ ވާހަކަތަކެއްވެސް ދައްކަވައި އުޅުއްވާ ބޭފުޅެއްނޫނެވެ. އާދަމް ލަތީފްގެ ނަޒަރު ހުންނާނީ އޭނާގެ މަސައްކަތަށެވެ. އިތުބާރު ހޯދަނީ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރައްވައި ގެންނެވެ.

އިހްތިރާމް ކުރުން

ގަޑިއަށް ފަރުވާތެރިވުމަކީ އެހެން މީހުންނަށް އިހްތިރާމް ކުރާކަން ދައްކުވައިދޭކަމެކެވެ. އާދަމް ލަތީފް ދައުލަތަށް ޚިދުމަތް ކުރެއްވުމަށް އުޅުއްވި 45 އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް މަސައްކަތަށް ގަޑިޖެހިފައެއްނެތެވެ. އަދި އެއްވެސް ބައްދަލުވުމަކަށް ގަޑި ކައްސާލާފައެއް ނެތެވެ. ބައެއް ބޭފުޅުން އުސޫލެއްގެ ގޮތުން ގަޑިއަށް ނައުމަކީ އެބޭފުޅުންގެ ނުފޫޒާއި ބާރުދެއްކުމަށް ބޭނުންކުރާ އުކުޅެކެވެ.
އާދަމް ލަތީފް އަމިއްލަ ކަންކަމުގައިވެސް ގަޑިއަށް ފަރުވާތެރިކަން ބަހައްޓަވެއެވެ. އެހެން ކަމުން އަދަންއާއި ދިމާވާ ކޮންމެ ބޭފުޅަކަށްވެސް އާދަން އިހުތިރާމް ކުރައްވާ ކަމާއި ހިތްތިރިކަމުގެ އިހްސާސް ލިބިވަޑައިގެންނަވާނެއެވެ.

އެޑިޓަރުގެ ނޯޓް

އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ