ދުނިޔެ

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން ނިމުމަކަށް


އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށް މީގެ 13 އަހަރުކުރިން އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެއެވެ. ދުނިޔޭގެ ހަ ބާރަކާއި ދެމެދު ވެފައިވާ ނިއުކުލިއާ އެއްބަސްވުމުގެ ދަށުން އީރާނާށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އެއްބަސްވުމުގައި ސައިކޮށްފައިވަނީ 2015 އަހަރުއެވެ.

2007ވަނަ އަހަރު އދ.ގެ ސަލާމަތީ މަޖިލީހުންވަނީ އީރާނަށް ހަތިޔާރުވިއްކުން މަނާކޮށްފައެވެ. ނަމަވެސް 2015 އަހަރުވީ ނިއުކުލިއާ އެއްބަސްވުން، ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) މުއާހަދާގެ ދަށުން އީރާނުގެ ނިއުކުލިއާ ޙަރަކާތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށްވަނީ ނިންމާފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އީރާނާއެކު ކުރާ ހަތިޔާރު ގަނެ ވިއްކުމާއި އެފަދަ އެހެން މުއާމަލާތްތައް ކުރުމަށް އޮތް ހުރަސްތައް އެއްބަސްވުމާއި އެއްގޮތަށް އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހުން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށެވެ.

ހަތިޔާރު ވިއްކުން މަނާކުރާ މުއާހަދާގެ މުއްދަތު ހަމަވުމުން މިސައިލާއި ހެލިކޮޕްޓަރާއި ޓޭންކަރުފަދަ ތަކެތި ހިމެނޭގޮތަށް ހަތިޔާރުގެ ވިޔަފާރި އީރާނަށް ކުރެވޭނެއެވެ. ނަމަވެސް އީރާނުން ނެރުނު ބަޔާނުގައި ބުނީ އެ ޤައުމުގެ ދިފާޢީ ކަންކަމުގައި އެހެން ފަރާތަކަށް އެ ޤައުމުން ބަރޯސާވާން ނުޖެހޭނެކަމަށާއި ނިއުކުލިއާ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ގަތުމާއި ބެލުމެއް ނެތި އެހެނިހެން ހަތިޔާރު ގަތުމަށް އެ ޤައުމުގެ ދިފާޢީ ސިޔާސަތުން ޖާގަ ނުދޭކަމަށެވެ.

2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެމެރިކާއިންވަނީ 2018ވަނަ އަހަރުގެ މެއި މަހުގައި އެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ސަރުކާރުންދަނީ ނިއުކުލިއާ އެއްބަސްވުން ރޫޅާލުމަށް ގިނަ މަސައްކަތްތަކެއްކޮށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކޮށްފައެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން އައު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅިއެވެ. ނަމަވެސް އޮގަސްޓު މަހުގެ 14ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ. އެއާއެކު އެ ހުށަހެޅުން ފާސްކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށުމަށް އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހުގައި ރަސްމީކޮށް އެދިފައެވެ. އެހެންނަމަވެސް 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ ތެރެއިން 13 ޤައުމުވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާކަމަށް އަންގާފައެވެ. އަދި 2018ވަނަ އަހަރު ނިއުކުލިއަރ އެއްބަސްވުމުން ވަކިވެފައިވާވުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުމުގެ އިޚްތިޞާސް އެމެރިކާއަށް ލިބިގެން ނުވާކަމަށް އެ ޤައުމުތަކުންވަނީ ބުނެފައެވެ.