ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ޕޯޗުގިޒުންގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހި ޤައުމަށް ނަސްރާއި ނަޞީބާއި ކާމިޔަބު ލިބުނު ޤައުމީ ތާރީޚީ ފަޚުރުވެރި ހަދިސާއަށެވެ. ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިއަދަކީ މި ހާދިސާއަށް ހިޖުރީގޮތުން 461 އަހަރު ފުރޭ ދުވަހެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ވިލޭރޭކަމަށްވާތީއެވެ. އެމަތިވެރި ނަޞްރު ދިވެހީންނަށް ހޯއްދަވައިދެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ މިޙާދިސާއަށެވެ. ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރެވޭއިރު އަބަދުވެސް އުތީމުގެ މަތިން ހަދާންތައް އާކޮށްދެއެވެ. އެރަށަކީ ޕޯޗުގީޒުންނާއި ދެކޮޅަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަރުގަދަ ޖިހާދެއްކުރެއްވި މަޝްހޫރު އުތީމު ތިންބެއިން އުފަންވި ފަސްގަނޑެވެ. އެރަށުގައި އެބޭފުޅުން ދިރިއުޅުއްވި ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ހަމަ އެގޮތުގައި ފެންނަ އެބަހުއްޓެވެ.
ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިގޮތުން ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެނަމުގައި ވަކި ދުވަހެއް ރާއްޖޭގައި ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ.
ތާރީޚް އިނގޭގޮތުގައި 1 ރަބީޢުލް އައްވަލު 1365 ގައި ޤައުމީ ދުވަސް ފާހަގަކުރަން ފެށިތާ 77 އަހަރުކަމުގައިވީނަމަވެސް މެދުނުކެނޑި 77 އަހަރު ޤައުމީ ދުވަސް ފާހަގަކޮސްފައެއް ނުވެއެވެ. އެގޮތުން 1365 ވަނަ އަހަރުން ފެށިގެން 7 އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހު ޤައުމީ ދުވަސް ފާހަގަކުރުމަށްފަހު އެކަން ހުއްޓުނެވެ. އަލުން އެމަހުގެ 1 ވަނަ ދުވަހު ޤައުމީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1400 ވަނަ އަހަރުންނެވެ. އެހެންކަމުން އެއަހަރުގެ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޤައުމީ ދުވަސް ފާހަގކުރާތާ މިއީ 43 ވަނަ އަހަރުއެވެ.
"ޤައުމީ ދުވަސް" މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް ދިޔައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި މަހުގެ 26 ވަނަ ދުވަހަށެވެ.
ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ.
މިކަން މިގޮތުގެމަތިން ހަމަޖައްސަވައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައިވަނީ ކުރީގެ ޤައުމީ ދުވަސް (1ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުމާއި، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ.
އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) ވާ މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.
މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.
މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ.
އެ އަހަރު ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ.
އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަސްކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސްކަމަށެވެ. އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލް އަނެއްކާވެސް ހަމަޖެހުނެވެ. ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ.