ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ނުވަތަ ދެޤައުމުގެ އިން ކަނޑައެޅައިދިނުމަށް އެދި ރާއްޖެއާ ދެކޮޅަށް މޮރީޝަސްއިން އިންޓަރނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައެޅި މައްސަލަ ނުބެލޭނެކަމަށް ކަނޑައަޅައިދިނުމަށް ރާއްޖެއިން އެދިއްޖެއެވެ.
ރާއްޖެއިން މިކަމަށް އެދިފައިވަނީ ރާއްޖެއާއި މޮރީޝަސްގެ އިން، ނުވަތަ ޚާއްޞަ އިޤްތިޞަދީ ސަރަހައްދު ފުށުއަރާތީ އެމައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލުމުގެ ގޮތުން ރާއްޖެއިން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައެވެ. ރާއްޖޭގެ ފަރާތުން މިއަޑުއެހުމުގައި ވާހަކަފުޅު ދެއްކެވީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި، ޑެޕިއުޓީ އެޓާނީ ޖެނެރަލް ޚަދީޖާ ޝަބީންއެވެ.
މިއަދުގެ މިއަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ބަންޑާރަނާއިބު އިބްރަހީމް ރިފްޢަތު ވަނީ އަނގަބަހުންނާއި ލިޔެކިއުމުން ހުށައެޅި ބަޔާންތަކަށް ރިޔާއަތްކުރައްވާ މިމައްސަލައަކީ ޓްރައިބިއުނަލްއަށް ބެލޭނެ މައްސަލައެއް ނޫންކަން ފަހަގަކުރައްވައި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
ބަންޑާރަ ނާއިބުވަނީ ދެޤައުމުގެ އިމުގެ މައްސަލާގައި ރާއްޖެއާއި މޮރީޝަސް އާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ވިދާޅުވެ، ވާހަކަ ދައްކައިގެން ދެޤައުމުގެ ދެމެދު މައްސަލަ ޙައްލުކުރުމަށް ހުށައަޅުއްވާފައެވެ. އަދި މޮރީޝަސް އިން ބޭނުންވާ ހުށައެޅުމަކަށް ދިއުމަށް އިއުތިރާޒެއް ނެތްކަމަށްވެސް ރާއްޖޭޣެ ފަރާތުން ވަނީ ހުށައަޅާފައެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މޮރިޝަސްއާ އެއްކޮޅަށް ނެރުނު ބަޔާނާ ހަވާލާ ދެއްވާ ބަންޑާރަ ނާއިބު ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައަކީ އިޤްތިޞާދީ ސަރަހައްދާއި ގުޅޭގޮތުން އައިސީޖޭ އިން ފާޅުކޮށްފައިވާ ޚިޔާލަކީ ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާއި ބެހޭގޮތުން މޮރިޝަސްއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ދެބަސްވުންތައް ނިމުމަކަށް ގެނެވިދާނެކަމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފަތުވުމެއްކަމަށެވެ.
"ރާއްޖެއާއި އަވަށްޓެރި މޮރީޝަސްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖެއިން ބޭނުންވޭ. ވީމާ އަޅުގަނޑުމެން މިދައުވަތު އަރުވަނީ މޮރިޝަނސްއަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ހުށައެޅި ލަފާތަކާގުޅޭގޮތުން މަޝްވަރާކުރުމަށް. އަދި އެމަޝްވަރާތަކަށް އައިސީޖޭއަށް ހުށައަޅައިގެން ވަކިގޮތެއް ނިންމުމަށް. ނޫނީ މޮރީޝަސްއިން ހުށައަޅާ ހުށައެޅުމަކަށް މަޝްވަރައަށް ދިއުމަށްވެސް ރާއްޖެއިން މިއޮތީ ތައްޔާރަށް." ބަންޑާރަނާއިބު ވިދާޅުވިއެވެ.
ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެއާ ދެކޮޅަށް މޮރީޝަސްއިން އިޓްލިސްއަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެއަޑުއެހުމުގައިވެސް ބަންޑާރަ ނައިބު ވަނީ މޮރީޝަސް އިން މަސައްކަތްކުރަނީ ނަހަމަގޮތެއްގައި އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމުގައި ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވަނީ އިޓްލަސްއަށް ހުށައަޅާފައިވާ މިމައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލައެއްކަމަށެވެ. އަދި ދެޤައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައި ވަނީ އެކަމުގައި ރާއްޖެއާއި ޚިލާފެއް އުފެދިގެން ނޫންކަމަށާއި، ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފާ މުޅިން އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމަށް ބަންޑާނާއިބު ތުހުމަތުކުރެއްވިއެވެ. މިމައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހިގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށްކަމަށެވެ. މޮރިޝަންސް އާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށައެޅީތީ ހިތާމަކުރާކަމެއްކަމަށް ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ.
ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދ.އަށް އެ މައްސަލަ ހުށައަޅާފައެވެ.
ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށުއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.