ކުޅިވަރު

ޕްރިމިއަރ ލީގު: ސައުތެމްޓަނުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަނުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ނިމުނީ 3-3 އަކުން އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ޗެލްސީން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ސައުތެމްޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީގެ ކައި ހަވާޓާޒް އާއި ޗިލްވެލް ފޮނުވާލި ބާރު ބޯޅަ ސައުތެމްޓަންގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް މި ލަނޑު ޖެހިއިރު ޓިމޯ ވާނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެ ލަނޑު ބަލައިނުގެންފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިއީ މި ސީޒަނުގައި ޗެލްސީއަށް ބަދަލުވެ ޓީމޯ ވާނާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. ޗެލްސީން ނެގި ލީޑު އިތުރަށް ފުޅާކޮށްދިން ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޓިމޯ ވާނާއެވެ.

ޗެލްސީން ދެ ލަނޑުގެ ލީޑެއް ނެގުމުން ސަތުމްޓަނުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައުތެމްޓަނުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނެޓުގައި ސައުތެމްޓަނުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމްސްއެވެ. ސައުތެމްޓަނުން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ 2 މިނެޓު ފަހުން ޗެލްސީން ވަނީ ލަނޑެއް ޖަހާ ލީޑު އަތުލާފައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ކައި ހަވާޓްޒްއެވެ.

ޗެލްސީން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިފަހުން ސައުތެމްޓަނުން ވަނީ ޗެލްސީ ގޯލަށް ބާރުބޮޑުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހާ ސައުތެމްޓަނުން ވަނީ ޗެލްސީ މި މެޗުން މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މެޗުގެ ނަތީޖާ ސައުތެމްޓަނަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ވެސްޓަގާޑްއެވެ.

ލީގުގައި މިހާތަނަށް ޗެލްސީން 5 މެޗު ކުޅެފައިވާއިރު އެޓީމު މޮޅުވެފައިވަނީ 2 މެޗުންނެވެ. އަދި އެއް މެޗުން ބަލިވެފައިވާއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ސައުތެމްޓަން ފަސް މެޗު ކުޅުނުއިރު ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި ދެ މެޗުން ބަލިވެފައިވާއިރު އެއްވަރުވީ އެންމެ މެޗަކުންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ. ސައުތެމްޓަން 5 މެޗު ކުޅެގެން ލިބުނު 7 ޕޮއިންޓާއެކު އެޓީމު އޮތީ 10 ވަނައިގައެވެ.