ކުޅިވަރު

ޕްރިމިއަރ ލީގު: އެވަޓަން - ލިވަޕޫލް މެޗު އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އެވަޓަން ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ.

މާނޭ ޖަހައިދިން ގޯލުން ލިވަޕޫލް ލީޑުގައި އޮވެގެން ކުޅެމުންދަނިކޮށް އެޓީމުގެ ޑިފެންޑަރ ވާޖިލް ވެން ޑައިކަށް އެވަޓަންގެ ކީޕަރ ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އަނިޔާވެގެން ވެން ޑައިކް ވަނީ ބަދަލުކޮށްފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވެން ޑައިކްގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ގޮމޭޒްއެވެ.

1 ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލުން ކުޅެމުންދިޔައިރު އެވަޓަނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން ޑިފެންޑަރު މައިކަލް ކީން ވަނީ މެޗުގެ ނަތީޖާ އެވަޓަންއަށް ހަމަހަމަކޮށްދީފައެވެ. މި ލަނޑަށް ފަހު ލިވަޕޫލްއަށް ލިބުނު ހިލޭ ޖެހުމެއްގައި އާނޯލްޑް ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން އަނެއްކާވެސް ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. މިއީ ސަލާހް ލިވަޕޫލަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެއެވެ.

ސަލާހްގެ ލަނޑަށް ފަހުވެސް ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބި އޭގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި މަޓިޕް ބޮލުން ޖައްސާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ސަލާހް ފޮނުވާލި ބާރު ހަމަލާއެއްވެސް ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

މެޗުގެ ނަތީޖާ އެވަޓަންއަށް ހަމަހަމަކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިންއެވެ. މި ލަނޑާއެކު މި ސީޒަނުގައި މިހާތަނަށް އެވަޓަނުން ކުޅުނު 5 މެޗުގައިވެސް ކަލްވެޓް-ލެވިން ލަނޑު ޖަހާފައިވާއިރު، މިއީ ޕްރިމިއަރ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

މި މެޗުގައި އެވަޓަނަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމުގެ ރިޗާލިސަނަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ތިއާގޯ އަލްކަންޓާރާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ އިތުރު ވަގުތުގައި މާނޭ ދިން ޕާހަކުން ލިވަޕޫލުގެ ކެޕްޓަން ހެންޑަސަން ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު މާނޭ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގު ތާވަލްގެ އެއްވަނައިގައި އޮތީ އެވަންޓަންއެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ލިވަޕޫލްއެވެ.