ކުޅިވަރު

އައިއޯއައިޖީގެ ކުރިން ސާފް ގޭމްސްފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުން މުހިންމު: މުންތަގިމް



އައިއޯއައިޖީގެ ކުރިން ސާފް ގޭމްސްފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުން މުހިންމުކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވެއްޖެއެވެ.

2023ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމާއި ބެހޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ކުޅިވަރު އެސޯސިއޭޝަންތަކާއިި ބައްދަލުކޮށް ހިޔާލުހޯދާފައެވެ. އެސޯސިއޭޝަންތަކުން ބޭނުންވަނީ 2023ވަނަ އަހަރުގެ ގޭމްސް ދޫކޮށްނުލާ، މުބާރާތް ފަސްކުރެވޭތޯ މަސައްކަތް ކުރުމަށެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ސާފް ގޭމްސްފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުން މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ.

އައިއޯއައިޖީއަކީ ރާއްޖޭގެ އެތްލީޓުން އެންމެ ގިނަ މެޑަލް މިހާތަނަށް ހޯދާފައިވާ ގޭމްސްއެވެ.

މުންތަގިމް ވިދާޅުވީ އައިއޯއައިޖީގައި ބައިވެރިވާ ގިނަ ގައުމްތަކަކީ ފްރެންޗް ކޮލޮނީގެ ގައުމްތަކަށްވުމުން ގިނަ ގައުމްތަކުން ވާހަކަދައްކަނީވެސް ފްރެންޗް ބަހުންކަމަށްވުމުން އެގައުމްތަކާއި މުއާމަލާތް ކުރުމަށް ގިނަ ދަތިތަކާއި ކުރިމަތިވާކަމަށެވެ. ނަމަވެސް ސާފް ގޭމްސްގައި މިސަރަހައްދުގެ ގައުމުތަކުން ވާދަކުރާއިރު، އެގައުމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއިވެސް މުއާމަލާތު ކުރުމަށްވެސް ފަސޭހަވެގެންދާނެކަމަށް މުންތަގިމް ވިދާޅުވި.

ރާއްޖޭގައި މިހާތަނަށް އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތަކާއި ފުޓްބޯޅަ މުބާރާތެއްވަނީ ބާއްވާފައެވެ. މިކަމަށް އިޝާރާތްކޮށް މުންތަގިން ވިދާޅުވީ ސާފް ގޭމްސްފަދަ މުބާރާތެއް ބޭއްވުމުން، ގިނަ ކަންތަަށްތަކެއް ދަސްވާނެކަމަށާއި ލޮޖިސްޓިކްސް އާއި އިންސާނީ ވަސީލަތަށްވެސް ބޭނުންވާ މިންވަރު ދެނެގަނެވޭނެކަމަށެވެ. ސާފް ގޭމްސްފަދަ މުބާރާތެއް ބައްވާ އޭގެ ތަޖްރިބާއާއެކު އައިއޯއައިޖީފަދަ މުބާރާތަކާއި ކުރިމަތިލާއިރު ވަރަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެކަމަށާއި ސަރުކާރުގެ އިތުރުން އެސޯސިއޭޝަންތަކަށްވެސް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެކަމަށް މުންތަގިމް ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަސްކުރުމަށް ވާހަކަދަށް ދެކެވޭއިރު، އެސޯސިއޭޝަންތަކުން ބޭނުންވަނީ މުބާރާތް ދޫކޮށްނުލާ، މުބާރާތް ފަސްކުރުމަށް މަސައްކަތް ކުރުމަށެވެ.