ޚަބަރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ


މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދ ނެގުމުގެ ރަސްމިއްޔާތު މާލެއާއި ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެޑައިގެންނަވާނެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރާކާތްތަކުގެ ތެރޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ . އުތީމުގައި ރަސްމީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވީޑިއޯ މެދުވެރިކުރައްވާ ޚިޠާބެއް ދެއްވުމަށް ވަނީ ހަމެޖހިފައެވެ.

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެނަމުގައި ވަކި ދުވަހެއް ރާއްޖޭގައި ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ.

މިދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ވިލޭރޭކަމަށްވާތީއެވެ. އެމަތިވެރި ނަޞްރު ދިވެހީންނަށް ހޯއްދަވައިދެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ މިޙާދިސާއަށެވެ.