ކުޅިވަރު

ވެލެންސިއާގެ ކޯޗަކަށް އާތިފް ހަމަޖައްސައިފި

ކްލަބް ވެލެންސިއާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތި) ހަމަޖައްސައިފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ވެލެންސިއާގެ ކޯޗަކަށް އާތިފް ހަމަޖައްސާފައިވާއިރު ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް މިއަދު ވެލެންސިއާއިން ފަރިތަކުރުންތައް ފެށުމަށް ވަނީ ނިންމާފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، އާތީ އެންމެ ފަހުން އިރުޝާދު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު ޓީސީއަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާތީ ވަނީ އެ ކުލަބުން އިސްތިއުފާ ދީފައެވެ.

ކޯޗު އާތިފްގެ އިތުރުން ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ވެސް ވަނީ ކްލަބް ވެލެންސިއާ އާ ގުޅިގައެވެ. އަކުރަމް މިދިޔަ ސީޒަނުގައި ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. މިއީ އަކުރަމް ވެލެންސިއާއަށް ކުޅޭ ހަތަރު ވަނަ ފަހަރެއެވެ. އަކުރަމްގެ އިތުރުން ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅުނު އިސްމާއިލް ޒާން އާމިރުވެސް ވެސް ކުރިޔަށް އޮތް ސީޒަނުގައި ފެންނާނީ ކްލަބް ވެލެންސިއާއިންނެވެ. ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މި ކުޅުންތެރިންގެ އިތުރަށްވެސް އަދި ބައެއް ކުޅުންތެރިން ވެލެންސިއާއަށް ގެންނާނެކަމަށް ބެލެވެއެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައެވެ.

ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.

ފުރަތަމަ ޑިވިޝަނުން ވެލެންސިއާ ޖާގަ ހޯދީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ކްލަބް ވެލެންސިއާ އާއެކު ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުުޅުނު ސުޕަރ ޔުނައިޓެޑް ސްޕޯޓްސްވެސް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ.

އައު ސީޒަން ޑިސެމްބަރ މަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކުޅުމަށް މަސައްކަތް ކުރަމުން އަންނައިރު މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެވަނައަށް ދިޔަ ކްލަބް އީގަލްސްއެވެ.