ދުނިޔެ

އިދިކޮޅުން މުޒާހަރާކުރަނީ ކުރީގެ ބޮޑުންގެ ކޮރަޕްޝަން މައްސަލަތައް ބަލާތީ


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ދެކޮޅަށް އެ ޤައުމުގެ އިދިކޮޅަށް ތާޢީދުކުރާ ފަރާތްތަކުން މުޒާހަރާކުރަން ފަށައިފިއެވެ. ސަރުކާރާ ދެކޮޅަށް ޕާކިސްތާނުގައި މުޒާހަރާކުރަން ފަށައިފައި މިވަނީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ޕާކިސްތާނު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް ޕާކިސްތާނުގެ މައި ނުވަ ސިޔާސީ ޕާޓީއަކުންވަނީ ޕާކިސްތާން ޑިމޮކްރަޓިކް މޫވްމަންޓް (ޕީޑީއެމް)ގެ ނަމުގައި މިދިޔަ މަހުގެ ތެރޭގައި ޙަރަކާތެއް ފަށައިފައެވެ. އަސްކަރިއްޔާގެ ވާގިވެރިކަމާއެކު 2018ވަނަ އަހަރުގެ އިންތިޚާބު ބޮޑުވަޒީރު އިމްރާން ޚާން ކާމިޔާބުކުރެއްވީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައްވައިގެންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް ބޮޑުވަޒީރު ޚާން ދޮގުކުރައްވައެވެ. އަދި އަސްކަރިއްޔާއިންވެސްވަނީ ސިޔާސީ ކަންކަމަށް ނުފޫޒު ނުފޯރުވާކަމަށް ބުނެފައެވެ.

މުޒާހަރާތަކުގައި ވާހަކަދައްކަވަމުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަރިކަނބަލުން، މަރިޔަމް ނަވާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދަނީ އެންމެ ފުރިހަމަގޮތުގައި ޤާނޫނު ތަންފީޒުކުރުމަށް ގޮވާލުމަށްކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ބޭއިންސާފާއި ވަޒީފާ ނުލިބުމާއި މީގެ ކުރިން އުފުލިފައި ނުވާ މިންވަރަށް މުދަލުގެ އަގު އުފުލިފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.

އަވަހާރަކޮށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ބޭނަޒީރު ބުއްޓުގެ ދަރިކަލުން ބިލަވާލް ބުއްޓުއާއި އޭނާގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ، ޕީޕީޕީއިންވެސްދަނީ މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އޭގެ އިތުރުން ދީނީ ލީޑަރު މައުލާނާ ފަޒްލުއްރަޙްމާނުވެސްދަނީ މައި މުޒާހަރާގައި ބައިވެރިވުމަށް މިސްރާބު ޖަހަމުންނެވެ.

ޚާން ވެރިކަމާ ޙަވާލުވެވަޑައިގަތީ ކުރީގެ ސަރުކާރުތަކުގެ އިސްވެރިންގެ ކޮރަޕްޝަން ޢަމަލުތަކަށް ނިމުމެއް ގެނައުމަށް ވަޢުދުވެވަޑައިގެންނެވެ. އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ ދެކޮޅަށް ފަށާފައިވާ ޙަރަކާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮޑުވަޒީރު ޚާން ވިދާޅުވީ އެ ޙަރަކާތާއި މެދު ކަންބޮޑުނުވާކަމަށާއި އެއީ އެ ފަރާތްތަކުގެ ބޮޑުންގެ ކޮރަޕްޝަން މައްސަލަތައް ބަލަމުންދާތީ އެކަން ހުއްޓުވުމުގެ މަޤުސަދުގައި ބޭނުންކުރަމުންދާ ބިރުދެއްކުމުގެ އުކުޅެއްކަމަށެވެ.

ޕާކިސްތާނުގައި ދެން އެންމެ އަވަހަށް އިންތިޚާބެއް ބާއްވާނީ 2023ވަނަ އަހަރުގައެވެ.