ޚަބަރު

ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ޤައިދީން ބަދަލުކޮށްފި


ޔަމަނުގެ ސަރުކާރާއި ހޫޘީންނާދެމެދު ޤައިދީން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އަނެއްކާވެސް ޤައިދީން ބަދަލުކޮށްފިއެވެ.

ޔަމަނުގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެ ފަރާތަގެ މެދުގައި އިތުބާރު އިތުރުކުރުމަށް ޤައިދީން ބަދަލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔަމަނުގެ ސަރުކާރާއި ހޫޘީންނާމެދުވަނީ އެއްބެސްވެފައެވެ. އެގޮތުން ދެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ހައްޔަރީންނާއި ޤައިދީންގެ ތެރެއިން 1،081 މީހުން އެ އެއްބަސްވުމުގެ ދަށުން ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފަނަރަ ރައްޔިތުންވެސް ހިމެނެއެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ޤައިދީން ބަދަލުކުރުމަށްވެފައިވާ އެފަދަ އެންމެ ބޮޑު އެއްބަސްވުމެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް، އައިސީއާރުސީގެ ބެލުމުގެ ދަށުން އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު ފުރަތަމަ 700 ޤައިދީންވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން އައިސީއާރުސީއިން ބުނީ ޔަމަނުގެ ވެރިކަންކުރާ ސިޓީގެ ގޮތުގައި މިވަގުތު އޮތް އާޑަނުން ހޫޘީންގެ ބާރުގެ ދަށުގައި އޮންނަ ސަންޢާއަށް ހޫޘީންގެ 101 ޤައިދީން ގޮވައިގެން އައިސީއާރުސީގެ މަތިންދާ ބޯޓެއް އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގޮސްފައިވާކަމަށެވެ. ހަމަ އެވަގުތު 76 ޤައިދީންނާއެކު ސަންޢާއިން އާޑެނަށް އައިސީއާރުސީގެ މަތިންދާ ބޯޓެއް ފުރާފައިވާކަމަށް އެ ފަރާތުން ބުންޏެވެ. ހޫޘީން ހިންގާ މާސިރާ ޓީވީއިން ބުނީ ޖުމްލަ 150 ޤައިދީން ގޮވައިގެން ދެ މަތިންދާ ބޯޓު ހުކުރު ދުވަހުގެ ވަގުތެއްގައި ސަންޢާއިން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. ހޫޘީންގެ ތަރުޖަމާނު މުޙައްމަދު އަބްދުއްސަލާމްބުނީ ދެ ފަރާތުގެ ދެމެދުގައި ޤައިދީން ބަދަލުކުރުމުގެ ސަބަބުން އަމާންކަން ޤާއިމްކުރުމުގެ އުއްމީދު ބޮޑުވެފައިވާކަމަށެވެ.

އދ.ން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، މާޓިން ގްރިފިތްސް އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޤައިދީން ގޮވައިގެން ކުރަމުންދާ ވައިގެ ދަތުރުތަކަކީ އުންމީދުން ފުރިގެންވާ ދަތުރުތަކެއްކަމަށެވެ. ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމާގުޅޭ މަޝްވަރާތައް ޔަމަނުގެ ސަރުކާރާއި ހޫޘީންނާދެމެދު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ޞުލްޙަ ޤާއިމްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދުވަނީ 15،000 ހައްޔަރީން ބަދަލުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުންވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.