ކުޅިވަރު

އަލަށް އިންތިޚާބުވި މެންބަރުން ކްރިކެޓް ބޯޑް ހިންގުމާއި ހަވާލުވެއްޖެ


އަލަށް އިންތިހާބްވި ކްރިކެޓް ބޯޑްއިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގުމާއި ހަވާލުވެއްޖެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އާ އެކްސްކޯގެ ރައީސްއަކީ މުހައްމަދު ފައިސަލް އަދި ނައިބް ރައީސްއަކީ އަހުމަދު ހުސެއިންއެވެ. އާއެކްސްކޯ ހޮވިފައިވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހު ބޭއްވި އިންތިހާބުންނެވެ.

ކްރިކެޓް ބޯޑުގެ ރައީސްކަމާއި ޖެނެރަލް ސެކެޓްރީކަންވެސް ކޮށްފައިވާ ފައިސަލް ރައީސްކަމަށް ހޮވިފައިވަނީ އިންތިޚާބުގައި ގިނިކަންޏާ ވާދަކޮށްގެންނެވެ.

އަލަށް އިންތިޚާބުވި އެކްސްކޯއިން ބޯޑްގެ ހިންގުމާއި ހަވާލުވުމަށްފަހު އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައިވަނީ ފައިސަލްވަނީ އިންތިޚާބު ބޭއްވުމާއި ހަމައަށް ކްރިކެޓް ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ފައިސަލް ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން ކްރިކެޓްގެ ކަންކަން ކުރިޔަށްގެންދިއުމަށް ހެދިފައިވާ އެސެސްމަންޓްތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ބެހޭގޮތުން ފައިސަލްވަނީ ބޯޑް މެންބަރުންގެ ހިޔާލު ހޯއްދަވާފައެވެ. އަދި ކޮމެޓީގެ ބައްދަލުވުން ކުރިއަށްގެންދާނެ ގޮތާއި މިވަގުތަށް އިސްކަންދީގެން ކުރަން ހުރި ކަންކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ.

އަދި ކްރިކެޓް ކުރިއެރުވުމަށް އަލަށް ބޯޑަށް ހޮވުނު މެންބަރުނާއި، ކުޅުންތެރިންނާއި ކުލަބްތަކާއި ކްރިކެޓްގެ އެންމެހާ ކަންތައްތަކާއި ގުޅުންހުރި ފަރާތްތައް ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތް ކުރުމަށްވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް އެދިވަޑައިގެންނެވިއެވެ. ކްރިކެޓް ބޯޑުގެ ހިންގާ ކޮމެޓީގެ ދައުރަކީ 4 އަހަރެއެވެ.