ޚަބަރު

ކިރިގިސްތާނުގެ ރައީސް އިސްތިޢުފާ ދެއްވައިފި


ކިރިގިސްތާނުގެ ރައީސް މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ކިރިގިސްތާނުގެ ރައީސްގެ މަޤާމުގައި ހުންނެވި ސޫރަންބައި ޖީންބެކޮވް އެ މަޤާމުން އިސްތިޢުފާ ދެއްވީ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ބޭއްވި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށްފަހު ފެށުނު މުޒާހަރާތަކުގެ ސަބަބުންނެވެ. ރައީސް ޖީންބެކޮވްއަށް ވާގިވެރިވާ ފަރާތްތައް އިންތިޚާބު ކާމިޔާބުކޮށްފައިވާކަމަށް އިޢުލާނުކުރުމުން އިދިކޮޅު ފަރާތްތަކުންވަނީ ނަތީޖާ ބަލައިގަތުމަށް ދެކޮޅުހަދައި މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފައެވެ. ސަރުކާރުގެ އިމާރާތްތައް އެމީހުން ހިޞާރުކުރުމުން އިންތިޚާބުގެ ނަތީޖާ ބާޠިލްކުރުމަށް ރަސްމީ ފަރާތްތަކުންވަނީ ނިންމާފައެވެ.

މިދިޔަ ހަފުތާގައި ރައީސް ޖީންބެކޮވްވަނީ އިސްތިޢުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ހަފުތާގެ ކުރީ ކޮޅުގައި އަލުން ރާގު ބަދަލުކުރައްވާ އައު އިންތިޚާބެއް ބޭއްވެންދެން މަޤާމުގައި ދެމިހުންނަވާނެކަމަށްވަނީ ބުނެފައެވެ. އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ރައީސް ޖީންބެކޮވްވަނީ މިދިޔަ ހަފުތާގައި ޖަލުން ސަލާމަތްކޮށްފައިވާ ނޭޝަނަލިސްޓެއްކަމަށްވާ ސަދީރު ޖަޕަރޮވް ބޮޑުވަޒީރުގެ މަޤާމަށް އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުން ނިންމި ނިންމުން ބަލައިގަންނަވާފައެވެ.

ރައީސް އިސްތިޢުފާ ދެއްވީ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިންގުމަށް ނޭދޭތީކަމަށް އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ރައީސްގެ ގެކޮޅު ހުންނަ ސަރަޙައްދަށް ޢާންމުން އެއްވެ މުޒާހަރާކުރަމުންދާނަމަ އަސްކަރީ އަދި ސަލާމަތީ ބާރުތަކަށް ހަތިޔާރު ބޭނުންކުރަން މަޖުބޫރުވެ ލޭ އޮހޮރުންތައް ހިންގާނެކަމަށް ރައީސް ޖީންވެކޮވް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކިރިގިސްތާނުގެ ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު ލިޔެވެން ބޭނުންވަނީ ލޭއޮހޮރުވުން ހިންގާ ޤައުމުގެ ރައްޔިތުންނަށް ޙަމަލާދިން ރައީސެއްގެ ގޮތުގައި ނޫންކަމަށެވެ.

ރައީސް ޖީންބެކޮވަކީ 2005ވަނަ އަހަރުން ފެށިގެން އާންމުން މުޒާހަރާކުރުމުގެ ސަބަބުން އިސްތިޢުފާ ދެއްވި އެ ޤައުމުގެ ތިންވަނަ ރައީސަށެވެ. 2017ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ރައީސް ޖީންބެކޮވްގެ އިސްތިޢުފާގެ ސަބަބުން ރައީސްގެ ޒިންމާތަކާ ދެން ޙަވާލުވެވަޑައިގަންނަވާނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، ކަނަޓްބެކް އީސަޔެވްއެވެ. އެމަނިކުފާނު އިސްތިޢުފާ ދެއްވައިފިނަމަ ރައީސްކަމުގެ މަސްޢޫލިއްޔަތާ ދެން ޙަވާލުވެވަޑައިގަންނަވާނީ އައު ބޮޑުވަޒީރު ޖަޕަރޮވެ.